އިނގިރޭސި ޗެމްޕިއަންޝިޕްގެ ކްލަބެއް ކަމުގައިވާ ލީޑްސް ޔުނައިޓެޑް ފުޓްބޯޅަ ކްލަބުން ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީއެސްޖީ އާއި އެކު ބުފޮން ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމާއި އެކު މި މަހުގެ ކުރީކޮޅު އޭނާ އެ ކްލަބް ދޫކޮށްލާފައި ވާއިރު، ބުފޮން ހޯދުމުގެ ރޭހަށް ޕޯޗުގަލްގެ ޕޯޓޯގެ އިތުރުން ބްރެޒިލްގެ ފުލުމިނެންސްވެސް އަންނަނީ ވާދަ ކުރަމުންނެވެ.

ދިގު 17 އަހަރު ވަންދެން އިޓަލީގެ ޔުވެންޓަސްގައި މޮޅު ކުޅުމެއް ބުފޮން ދައްކާފައި ވާއިރު، ޕީއެސްޖީގައި ސީޒަނެއް މަޑު ކުރުމަށް ފަހުގައި، ޖެނުއަރީ މަހު 41 އަހަރު ފުރުނު ބުފޮން އަދިވެސް އިތުރަށް ފުޓްބޯޅަ ކުޅެން ބޭނުންވާކަން ހާމަ ކޮށްފައެވެ.

ޕީއެސްޖީ ދޫކޮށްލި ނަމަވެސް ބުފޮން ބުނެފައި ވަނީ މީގެ ޕެރިސް އަކީ އަބަދުވެސް އޭނާގެ އަމިއްލަ ވަޒަން ކަމުގައި ދެން ބަލާނޭ ކަމަށެވެ.

" ދުނިޔޭގައި މީހުންނަށް އުފަލުގައި އުޅެވޭނީ އެންމެ 2 ތަނުގައި. އެއީ އަމިއްލަ ގޭގަ އާއި ޕެރިސްގައި. މިއަދުން ފެށިގެން މިކަން އަހަންނަށްވެސް ވާނެ. މީގެ ފަހުން އަހަރެން ޕެރިސް ދެކޭނީ އަމިއްލަ ވަޒަނެއްގެ ގޮތުގައި. ބުފޮން ބުނިއެވެ.

ޕީއެސްޖީގެ މެނޭޖްމެންޓާއި، ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ބުފޮން ވަނީ ޝުކުރު އަދާކޮށްފައެވެ. ބެލެވޭ ގޮތުގައި ބުފޮން ރިޓަޔާ ކުރާނީ އޭނާ ދެން އެންމެ އަވަހަށް ބަދަލުވާ ކްލަބުގައި ހުރެގެންނެވެ.