އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން އެނބުރި އޭނާގެ ކުރީގެ ކްލަބު ޔުވެންޓަސްއާ ގުޅިއްޖެއެވެ.

އުމުރުން 41 އަހަރުގެ ބުފޮން، އޭނާގެ ކުރީގެ ކްލަބު ޔުވެންޓަސްއާ ގުޅިފައި ވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. އޭނާ ޔުވެންޓަސްއާއެކު ސޮއި ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

ޔުވެންޓަސްގައި ކުރިން 17 އަހަރު ހޭދަކުރުމަށްފަހު ބުފޮން ޕީއެސްޖީއަށް ބަދަލުވީވެސް ހިލޭ ޓްރާންސްފާއެއްގައެވެ. އެއް ސީޒަނަށް ޕީއެސްޖީއަށް ބަދަލުވި ބުފޮން ވަނީ އެ ކްލަބާއެކު ފްރެންޗް ލީގު ކާމިޔާބު ކޮށްފައެވެ. ޔުވެންޓަސްއިން މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ކުރިން ޗެލްސީއަށް ކޯޗުކަން ކޮށްދިން މައުރީޒިއޯ ސާރީ ކްލަބުގެ ކޯޗަކަށް ގެނެސްފައިވާ އިރު، މިހާތަނަށް ޔުވެންޓަސްއިން ވަނީ ވަރުގަދަ ހިލޭ ދެ ޓްރާންސްފާ ކޮށްފައެވެ.

ޕީއެސްޖީގެ އެޑްރިއަން ރެބިއޮޓް އަދި އާސެނަލްގެ އާރޮން ރެމްސީވެސް އެޓީމަށް ގެންގޮސްފައިވާ އިރު، ބުފޮން ވެގެންދާނީ ތިންވަނަ ހިލޭ ޓްރާންސްފާއަށެވެ.

ބުފޮންއަކީ ގައުމީ ޓީމަށް 176 މެޗު ކުޅެދީ، ވޯލްޑް ކަޕްވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އިޓަލީ ލީގުގެ ތަށި ނުވަ ފަހަރަށް ހޯދާ، ހަތަރު ފަހަރު ކަޕްވެސް ކާމިޔާބު ކޮށްފައިވާ ބުފޮންއަށް އާ ރެކޯޑެއްވެސް މުގުރާލުމުގެ ފުރުސަތު ބޮޑެވެ. ސެރިއާ އޭގައި އެންމެ ގިނަ މެޗު ކުޅެފައިވާ މަލްޑިނީގެ ރެކޯޑު މުގުރާލަން ބުފޮން ބޭނުން ވަނީ އަށް މެޗެވެ. މަލްޑިނީ ވަނީ އޭސީ މިލާނަށް 647 މެޗު ކުޅެދީފައެވެ.