ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން، ކްލަބު ގްރީން ސްޓްރީޓްސް ކައިރިން ބަލިވާން ދަނިކޮށް، އާދަމް އިޝާން (ސައްޓު) ޖެހި ގޯލާއެކު ނަތީޖާ ހަމަހަމަ ވެގެން ނިމިއްޖެއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މެޗަށް ނުކުތް އިރު، ޗެމްޕިއަން ޓީސީން އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރު ވެފައެވެ. ރަނގަޅު ސްކޮޑަކާއެކު ސީޒަނަށް ތައްޔާރުވި ގްރީންއިން ކުޅެފައި އޮތް ދެ މެޗުންވެސް މޮޅެއް ނުލިބި އޮތް އިރު، އެޓީމަށް ލިބިފައި އޮތީ އެންމެ ޕޮއިންޓެކެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، ޕޮއިންޓް ގެއްލުނު ނަމަވެސް އެކަމަށް ހާސް ކަމެއް ނެތް ކަމަށް ކޯޗު އަލީ ސުޒޭން ބުނެފައިވާ އިރު، މިރޭ ނުކުތީ ސީޒަންގެ ފުރަތަމަ މޮޅު ހޯދުމަށެވެ.

ޓީސީއާއި ގްރީން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ގްރީންއަށް މިރޭ ސީޒަންގެ ފުރަތަމަ މޮޅާ ގާތަށް ޖެހިލެވުނުވެސް މެއެވެ. ލީޑު ގެއްލުނި މެޗު ނިމެން ހަތަރު ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ. ދެޓީމުގެ ފަރާތުންވެސް ރީތި އެޓޭކިން ފުޓުބޯޅައެއް ފެނުނު މެޗުގައި ރަނގަޅު ހަމަލާތަކެއްވސް ފެނުނެވެ. ހާއްސަކޮށް މެޗުގެ ފަހުކޮޅުގައި ދެޓީމުންވެސް ފޯރިގަދަ، ބަލާ ހިތްވާ ފަދަ ފުޓުބޯޅައެއް ކުޅެފައިވެއެވެ.

މިރޭގެ ފުރަތަމަ ފުރުސަތު ފަހިވީ ގްރީންގެ އަހުމަދު ރަޝީދު (އަންމަޑޭ) އަށެވެ. އޭރިއާ ތެރެއިން އޭނާއަށް ލިބުނު ފުރުސަތުގައި ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ހަމަލާތަކަށް ކުރިއަށްޖެހި، ޓީމުގެ މެދުތެރެ ހުޅުވާލުމުގެ ބަދަލުގައި ދެޓީމުންވެސް ބޮޑަށް ބެލީ، ބޯޅަ ހިފަހައްޓައިގެން ރަނގަޅު އެޓޭކެއް ބިލްޑް ކުރުމަށެވެ. ހަމަލާތައް މަދުކޮށް ފުރަތަމަ ހާފް ފެނިގެންދިޔަ އިރު، މެޗުގެ 31 ވަނަ މިނެޓުގައި ޓީސީގެ އިސްމާއީލް އީސަ (މެސީ) ތިރިތިރިން ފޮނުވާލި ހަމަލާ ގޯލްކީޕަރު ލަބާން އަތަށް ނެގީ ފަސޭހަ ކަމާއެކުއެވެ.

ދެވަނަ ހާފަށް ކުޅެން ނުކުމެ، ތިން މިނެޓް ތެރޭގައި ގްރީންއިން ލީޑު ނެގިއެވެ. އަލަށް މި ސީޒަނަށް ގްރީންއާ ގުޅުނު ރިލުވާން ވަހީދު (ރިލޭ) އަރިމަތިން އަހުމަދު ރިޝްވާން (ފުކޭ)އަށް ދިން ބޯޅައަށް ދުވެ، އޭނާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ބޮލުން ގޯލައަށް ވައްދާލީ އަންމަޑޭއެވެ. ގްރީންގެ ގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި ގްރީންއިން ކުޅުން ވަރުގަދަ ކުރިއެވެ.

ގްރީންއިން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް، ދެވަނަ ހާފްގައި ޓީސީއަށް ލިބުނު ކޯނަރުތަކުގައި ގްރީންގެ ގޯލަށް ނުރައްކާ ކުރިއެވެ. ހާފްގެ ކުރީކޮޅުގައި މެސީގެ ކޯނަރު، އަކުރަމް އަބްދުލްޣަނީ (އަކޫ) ބޮލުން ގޯލަށް ފޮނުވާލި އިރު، އެ ހަމަލާ މަތަކުރީ ލަބާންއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސައްޓު ނަގައިދިން ކޯނަރުން އަލާ ނަސްރު ގޯލަށް ފޮނުވާލަން މަސައްކަތް ކުރި އިރު، އޭނާގެ ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ގްރީންއިން ވަނީ ދެވަނަ ގޯލެއްވެސް ޖަހާފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް، އަލީ ޔާމީން (ޔާނު)، ޓީސީ އޭރިއާ ބޭރުން ވަރަށް ރީތިކޮށް ބަލާލުމަށްފަހު، ސީދާ ކަނަށް ފޮނުވާލި ބާރު ހަމަލާއަށް ގޯލްކީޕަރު އިމްރާން މުހައްމަދަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އެ ގޯލަކީ މިހާތަނަށް ސީޒަންގައި ފެނިގެން ދިޔަ އެންމެ ހިތްގައިމު އެއް ގޯލެވެ.

ގްރީންގެ ދެވަނަ ގޯލާއެކު ޓީސީއަށް ވަރަށް ބޮޑަށް އުންމީދު ގެއްލުނު ނަމަވެސް، 69 ވަނަ މިނެޓުގައި ރިލޭ، މެސީއަށް ކުރިއަށް ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީއާއެކު ޓީސީގެ އުންމީދު އާވިއެވެ. މެސީ އެ ޕެނެލްޓީ ކާމިޔާބުކުރި އިރު، އެ ގޯލާއެކު ޓީސީން ކުރިއަށް ޖެހި ކުޅުން ރަނގަޅު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ޓީސީން ނަތީޖާ ހަމަހަމަ ކުރިއެވެ.

ގްރީންގެ ހަތަރު ކުޅުންތެރިން ނައްޓާލުމަށްފަހު އޭރިއާ އަރިމަތީ ކަނާ ދިމާއިން ވަދެ، ސައްޓު ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށް، ޓީސީ ސަލާމަތް ކޮށްދިނެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.