މިދިޔަ އަންގާރަ ދުވަހުގެރޭ ރަޝިޔާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ފްރާންސްގެ ބައެއް ކުޅުންތެރިންނާއި ނަސްލީ ގޮތުން ރަޝިޔާގެ ސަޕޯޓަރުންތަކެއް ދިމާކުރި މައްސަލަ އެއް ފުޓްބޯޅަ އާއި ބެހޭ އިދާރާ ކަމަށްވާ ފީފާ އިން ބަލަން ފަށައިފިއެވެ.

ރަޝިޔާގައި ކުޅުނު މި މެޗު 1-3 އިން ފްރާންސް އިން ކާމިޔާބުކުރިއިރު މީޑީޔާ ރިޕޯޓުތައް ބުނާގޮތުން ރަޝިޔާގެ ސަޕޯޓަރުންތަކެއް ވަނީ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އާއި އެޓީމުގެ ޒުވާން ފޯވާޑް ޑެމްބެލޭ އާއި ނަސްލީ ގޮތުން ދިމާކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޑެމްބެލޭ އާއި ޕޮގްބާ އަދި ވާހަކަދައްކާފައި ނުވާއިރު ފީފާގެ ތަރުޖަމާނަކު ވިދާޅުވީ މިކަމާ ގުޅޭ ހެކިތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ރެފްރީގެ މެޗު ރިޕޯޓާއި އެހެނިހެން ހެކިތައް ވެސް މިހާރު މިދަނީ ހޯދަމުން. މިކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ދެއްކޭނީ މި ހުރިހާ މައުލޫމާތުތަކެއް ލިބި ރަނގަޅަށް ދިރާސާ ކުރުމަށްފަހު" ތަރުޖަމާނު ވިދާޅުވިއެވެ.

ފްރާންސްގެ ކުޅުންތެރިންނާއި ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނާ މައްސަލަ އެއް ފެންމަތި ވެފައިވާއިރު އެގައުމުގެ ކުޅިވަރާއި ބެހޭ ވަޒީރު ލައުރާ ފްލެސެލް ވަނީ މިކަން ކުރި ބަޔަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

"ނަސްލީ ގޮތުން ދިމާކުރުމަކީ ފުޓްބޯޅަ ދަނޑު މަތީގަ އެއްވެސް ވަރަކަށް ޖާގަ ދީގެންވާނެ ކަމެއް ނޫން. އެންމެން އެކުވެގެން ޔޫރަޕް އަދި އިންޓަނޭޝަނަލް ލެވެލެއްގައި މިކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ" ލައުރާ ވިދާޅުވިއެވެ.

ނަސްލީ ގޮތުން ކުޅުންތެރިންނާއި ދިމާކުރާ މައްސަލަ އަކީ ރަޝިޔާގައި ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން މިފަދަ އަމަލުތަކުގެ ސަބަބުން ސަޕޯޓަރުން ނުވައްދާ ވެސް ބައެއް މެޗުތައް ކުޅެފައިވާއިރު ޔޫއެފާ އިން ވަނީ ރަޝިޔާގެ ބައެއް ކްލަބުތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކޮށްފައެވެ.

މިފަދަ މައްސަލަ އެއް ފެންމަތިވެފައިވާއިރު މިއަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް ރަޝިޔާގައެވެ.