ރޭ ނިމިގެން ދިޔަ ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރެޒިލް އިން ހޯދާފައި ވާއިރު މުބާރާތުގެ ރަން އަންގިއާއެކު އެލިސަން ބެކާ 2018/19ގެ ސީޒަން ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

އެއް ސީޒަނެއްގެ ތެރޭ 3 ރަން އަންގި ކާމިޔާބު ކުރި ފުރަތަމަ ގޯލް ކީޕަރުގެ ޝަރަފާއި އެކު އެލިސަން ތާރީހުގެ ތެރެއަށް ވަދެފައި ވާއިރު ކޮޕަރ އެމެރިކާގެ ޗެމްޕިއަންކަން ބްރެޒިލް އިން ނެގި އިރު އެލިސަންގެ ހުޝިޔާރު ކަމުން މުޅި މުބާރާތުގައިވެސް އެ ޓީމުގެ ބައިކޮޅަށް ވަދެފައި ވަނީ އެންމެ ގޯލެކެވެ. އެވެސް ފައިނަލް މެޗުގެ ތެރެއިން ޕެރޫ އަށް ލިބުނު ޕެނަލްޓީ އަކުން ވަތް ގޯލެއްކަން ފާހަގަ ކޮށްލެވެ އެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ އެލިސަން މި ސީޒަނުގެ ޕްރިމިއާ ލީގުގެ ރަން އަންގިވެސް ހޯދާފައި ވާއިރު އޭނާ ވަނީ 21 މެޗުން ބައިކޮޅަށް ގޯލެއް ނުވައްދައި ލީގުގެ 2 ވަނަ ލިވަޕޫލަށް ހޯދައި ދިނުމުގައިވެސް ބޮޑު ދައުރެއް އަދާ ކޮށްފައެވެ.

އޭގެ އިތުރުން ލިވަޕޫލުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށިވެސް ކާމިޔާބު ކޮށްފައި ވާއިރު އެ މުބާރާތުގެވެސް ރަން އަންގި ލިބިފައި ވަނީ މޮޅު ކުޅުމެއް ދެއްކި އެލިސަން އަށެވެ.

މިދިޔަ ސީޒަނުގައި އޭ.އެސް ރޯމާ އިން އޭރުގެ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލް ކީޕަރުގެ ގޮތުގައި 66.8މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވި އެލިސަން އަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅެތި ކީޕަރުންގެ ތެރޭގައި ހިމެނޭ ކީޕަރެއް ކަމާއި މެދު އެއްވެސް ސުވާލެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބުރު

    އެލިސަންއަށް ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ބެލޮންޑޯ އެވޯޑް (ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް) ހައްގު.

    14