ލަލީގާ ޗެމްޕިއަނުން ކަމުގައިވާ ފުޓްބޯލް ކްލަބް ބާސެލޯނާ އަށް ކުޅެމުން އަންނަ ފޯވާޑް އުސްމާން ޑެމްބެލޭ ވިއްކާލަން މަސައްކަތް ކުރަމުން އަންނަ އިރުގައި އެ ކްލަބު ދޫކޮށްލަން ބޭނުން ނުވާ ކަން ޑެމްބެލޭ ހާމަ ކޮށްފި އެވެ.

މި ސީޒަނުގައި ޑެމްބެލޭގެ ފިޓްނަސް ދަށް ވުމުގެ ސަބަބުން އޭނާގެ ޖާގަ އެހެން ކުޅުންތެރިންނަށް ވަނީ ދީފައެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު އޮތް ދެ ޕްރެކްޓިސް ސެޝަނަށް ގަޑި ޖެހިގެން އައުމުން ކްލަބުގެ މެނޭޖްމެންޓުންވެސް އެކަމާއި ހިތްހަމަނުޖެހުން ފާޅު ކުރި އިރު، ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ބާސާ އިން ބާއްވާ ޕްރީ ސީޒަން ޓުއާ އަށް އެންމެ ފުރަތަމަ ވެސް ރިޕޯޓްކޮށްފައި ވަނީ ޑެމްބެލޭ އެވެ.

ޕްރީ ސީޒަން ފެށެން ހަފްތާ އެއް ބާކީ އޮތް އިރު ޑެމްބެލޭ އަންނަނީ ބާސާގައި މަޑު ކުރުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ.

މިގޮތުން އޭނާ ވަނީ ޗުއްޓީގެ ގިނަ ދުވަސްތައްވެސް ފިޓް ވުމުށްޓަކައި ވަކިން ޓްރެއިން ކޮށްފައިކަން ފާހަގަކޮށްލެވެ އެވެ.

އުމުރުން 22 އަހަރުގެ ޑެމްބެލޭ ބާސާ އިން ދޫކޮށްލަން ބޭނުންވާކަން ހާމަ ކުރުމުން ބަޔާން އާއި ލިވަޕޫލް އިންވެސް އަންނަނީ އޭނާ އަށް ފާރަލަމުންނެވެ. މިއަހަރުގެ ކުރީ ކޮޅު ބާސާގެ ރައީސް ވަނީ ޑެމްބެލޭ އަކީ ނޭމާ އަށް ވުރެންވެސް މޮޅު ކުޅުންތެރި އެއް ކަމަށް ބުނެފައެވެ.

2017 ވަނަ އަހަރު ޑޯޓްމަންޑުން ބާސާ އަށް ބަދަލުވި ޑެމްބެލޭ ވަނީ މި ސީޒަނުގައި 42 މެޗުން 14 ގޯލު ޖަހައި، 8 އެސިސްޓް ވެސް ކޮށްދީފައެވެ. އެހެން ނަމަވެސް، ބާސާގައި އޭނާގެ ކުރި މަގާއި މެދު އަދިވެސް އޮތީ ސުވާލު އުފެދިފައެވެ.