ޒުވާން ޓީމެއް ބިނާ ކުރުމުގެ މަސައްކަތަށް އެފްއޭއެމްއިން ނުކުތުމަކީ ހިތްހަމަ ޖެހުނު ހަބަރެކެވެ. ހާއްސަކޮށް ޔޫއެފާގެ އެހީއާއެކު ރާއްޖޭގައި 15 އަހަރުން ދަށުގެ ބައިނަލްއަގުވާމީ މުބާރާތަކަށް ތައްޔާރުވަމުން ދިޔުމަކީ އަދި މާބޮޑު ހިތްހަމަ ޖެހުނު ހަބަރަކަށްވިއެވެ.

އެ މުބާރާތަށް ޓީމު އެކުލަވާލާ ތައްޔާރީތައް ވަމުންދިޔަ އިރުވެސް ދެކެވުނު ވާހަކައަކީ މުސްތަގުބަލަށް ބިނާކުރާ ޒުވާން ޓީމެއްގެ ބިންގަލަކަށް 15 އަހަރުން ދަށުގެ ޓީމު ވެގެންދާނެ ކަމުގެ ވާހަކައެވެ. ޔޫއެފާ މުބާރާތުގެ ނަތީޖާއަށްވުރެ ބޮޑަށް ސާފްގެ އިތުރުން އޭއެފްސީގެ ޒުވާން އުމުރުފުރާގެ މުބާރާތްތަކަށް އަހައްމިއްޔަތުކަން ދީގެ ޓީމު ބައްޓަން ކުރާނެ ކަމަށް އެފްއޭއެމްއިންވެސް ބުނެފައިވެއެވެ.

ޓާގެޓްތައް ގޯހެއް ނޫނެވެ: މުސްތަގުބަލަށް ދެކެވޭ ވާހަކަވެސް ގޯހެއް ނޫނެވެ. އިންޓަ ސްކޫލް މުބާރާތަކަށް ބަލާ، ޒުވާން ޓީމެއް އެކުލަވާލި އިރު، އެޓީމުގެ ކުޅުންތެރިންގެ ހިތްވަރަކަށް ޝައްކެއްވެސް ނުކުރަމެވެ. ބުރަ މަސައްކަތްތަކަކާއެކު ޔޫއެފާ މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުނުކަންވެސް ހަނދާން ނައްތައެއް ނުލާނަމެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެއާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އެހެން ނަމަވެސް، ބޫޓާންގެ ޒުވާން ޓީމު އަތުން ބަލިވި ބަލިވުން މިއީ ބަދަލުވާން ޖެހޭނެ ހިސާބެކެވެ. ހަގީގަތަކީ ބޫޓާނުންވެސް ރާއްޖެއަށްވުރެ ވަރުގަދައަށް ޒުވާން ޓީމުތައް ތައްޔާރުކުރާ ކުރުމެވެ. ރާއްޖޭގެ ސީނިއާ ޓީމަށް 8-0، 5-0ގެ ނަތީޖާތަކުން ބޫޓާންގެ ސީނިއާ ޓީމު ބަލިކޮށް ލެވުނު ނަމަވެސް، އަންނަން އޮތް ޖީލަށް ބޫޓާނުން ކުރާ މިންނެތް މަސައްކަތް، "އެފެކްޓިވް" މެތަޑުތައް އިއްޔެގެ މެޗުން ފެނުނެވެ.

މިއީ ގައުމީ ޒުވާން ޓީމުގެ ކޯޗު އަހުމަދު ހަލީމް (ޖަޑާ)ގެ ތަޖުރިބާއާމެދު ސުވާލު އުފެއްދުމެއްވެސް ނޫނެވެ. ހަގީގަތުގައި އެވާހަކަތަކަކީ ކޯޗު ޖަޑާގެ ވާހަކަތަކެވެ. ސައުދީއާއި ލެތުވިއާ އަތުން ރާއްޖެ މޮޅުވުމަށް ޑިމާންޑް ނުކުރި ނަމަވެސް، އެންމެ ކުޑަމިނުން ބޫޓާނާ އެއްވަރަށް ރާއްޖެއިން މުބާރާތަށް ތައްޔާރުވާން އެބަޖެހެއެވެ. ތަޖުރިބާ މުހިންމެވެ: ޒުވާން ކުޅުންތެރިން މުބާރާތްތަކަށް އާ ނަމަވެސް، ހަގީގަތުގައި ބޫޓާން ފަދަ ގައުމުގެ ކުޅުންތެރިންނާ އަޅާ ބަލާ އިރު، ދިވެހި ކުޅުންތެރިންގެ ތައްޔާރީ ބޮޑުވާން އެބަޖެހެއެވެ.

"ގިނައީ ޓީމުގައިވެސް އަލަށް ބައިނަލްއަގުވާމީ މެޗުތައް ކުޅުނު ކުދިން، އިރާދަކުރެއްވިއްޔާ މިކުދިން ސީނިއާ ލެވެލްއަށް ދިޔާމައި ރަނގަޅު ނަތީޖާ ނުކުންނާނެ. އެފްއޭގެ ޓާގެޓަކީ ޓީމު ސީނިއާ ލެވެލްއަށްދާ އިރު، ރަނގަޅު ނަތީޖާ ނެރުން. ހާއްސަކޮށް ސާފް ގޭމްސްގައިވެސް ރަނގަޅު ނަތީޖާއެއް ނެރުން. ބޫޓާންއަކީ ބަލި ޓީމެއް ނޫން. އަށް މަސް މިވަނީ އެއްތަނެއްގައި ތިބެ، އެއްތަނަކުން ކިޔަވައިގެން ތައްޔާރުވަމުންދާތާ. ރާއްޖޭ ޓީމު މިއީ ހަމައެކަނި އެއްވަނީ ފަރިތަކުރުން އިންނަ ދެގަޑިއަކަށް. ރާއްޖޭ ޓީމުވެސް ރަނގަޅަށް އެއްތަނެއްގައި ކޭމްޕް ޖަހައިގެން، މުޅި ހުރިހާ އަތޮޅަކުން ރަނގަޅު ކުޅުންތެރިން ހޯދީމަ ހަމަ ވަރަށް ވަރުގަދަ ވާނެ. ޓީމެއް ގޮތުގައި ނުކުންނާނެ،" އިއްޔެގެ މެޗަށްފަހު ކޯޗު ޖަޑާ ފާހަގަކުރިއެވެ.

ޖަޑާގެ ވާހަކައަށް ތާއީދުވެސް ކުރެވެއެވެ. ސުވާލަކީ އެފަދަ ގޮތަކަށް ޓީމު އެކުލަވާލަން ވިސްނަނީ ކޮންއިރަކުންތޯ ކުރެވޭ ސުވާލެވެ. ގައުމީ ޓީމެއް ބިނާ ކުރުމަށް އަތޮޅު ތެރޭގެ ހުނަރުތަކަށް ދާނީ ކޮންއިރަކުތޯ ކުރެވޭ ސުވާލެވެ. އެތައް އަހަރުތަކެއް ވެއްޖެއެވެ. މި ދައްކަނީ އެއް ވާހަކައެކެވެ. އަތޮޅު ތެރޭގައި ހުރި ހުނަރު ނަގައިގަންނަ ވާހަކައެވެ. އޭގެ ނަތީޖާއެއް ފެންނަ ހިސާބަށް ނުދެވި އެތައް ޒަމާނެއް ވީއެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެއާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ގައުމީ ޓީމެއް ބިނާކުރަން، ހާއްސަކޮށް ޒުވާން 15 އަހަރުން ދަށުގެ ޓީމެއް ބިނާކުރަން ފަށަންވީ މާލޭގައި ކުޅޭ އިންޓަ ސްކޫލް މުބާރާތުންތޯ މިއީ އުފެދޭ އިންތިހާ ބޮޑު ސުވާލެކެވެ. އަތޮޅު ތެރޭގެ ހުނަރު ގައުމީ ދަނޑަށް ނެރޭ ވާހަކަ "ހޮޅި"އަށް ދާން ޖެހެނީ މިފަދަ ނިންމުންތަކުގެ ސަބަބުންނެވެ. ސާފް ގޭމްސްއާއި އޭއެފްސީއަށް ބިނާކުރަން ފެށި ޓީމު، "ސްކްރެޗް"އިން ފަށަން ވާނީވެސް އަތޮޅު ތެރޭގެ ހުނަރު ހިމަނާ، އެ ކުޅުންތެރިންނަށް ޓީމާއެކު ތިބެވޭނެ އިންތިޒާމްތަކަކާ އެކުގައެވެ. އެހެން ނޫން ކަމަށްވާނަމަ "ޓުވާޑްސް ފިއުޗާ" ބެނާގެ ދަށުން މިކުރެވޭ މަސައްކަތާމެދު ސުވާލުތަކެއް އުފެދިދާނެއެވެ.

"ސައުދީއަކީ މެދުއިރުމަތީގެ ޗެމްޕިއަންކަން ނަގައިގެން މިއައީ. އެއީ ވޯލްޑް ކަޕްވެސް ކުޅޭ ގައުމެއް. އެހެންވީމަ އެއީ މުޅިން އެހެން ލެވެލްއެއް، ލެޓްވިއާވެސް. އެހެން ނަމަވެސް އެވާހަކައެއް ނޫން ދައްކަންވީ. އެބަޖެހޭ މަސައްކަތް ކުރަން، އެއްތަނެއްގައި ކޭމްޕްވެސް ކޮށްގެން، އެއްތަނަކުން ކިޔަވައިގެން، އެހުރިހާ ކަމެއް އައިސްގެން ރަނގަޅު ކަންކަން އަންނާނީ. އެއްތަނެއްގައި ކޭމްޕްކޮށްގެން، އެއްތަނެއްގައި އެއްކޮށް ރަނގަޅަށް ކައިގެން ކުޅުންތެރިންނަށް ބަދަލު އަންނާނެ. އޭގެ ހެއްކެއް ނިމިގެންދިޔަ ސާފް ގޭމްސްއަކީވެސް. ހަމަ ޒުވާން ޓީމެއް ރަނގަޅު ކޭމްޕަކާއެކު ގޮސް ތަށި އެހޯދީ،" ކޯޗު ޖަޑާ އިއްޔެގެ މެޗަށްފަހު ބުންޏެވެ.

އޭގެ އިތުރަށް ޖަޑާ ބުނީ އަތޮޅު ތެރެއިން ހުނަރު ގެންނަން ޖެހޭ ކަމަށެވެ. އެހެން ނޫނީ ގައުމީ ޓީމަށް އިތުރު ކުރިއެރުން ލިބެން ނެތް ކަމަށެވެ.

"އަސްލު އެންމެ ބޮޑަށް ރަނގަޅުވާނީ އަތޮޅު ތެރެއިން ކުޅުންތެރިން ޓީމަށް ގެނެސްގެން. މިއަންނަނީ ހަމައެކަނި އިންޓަސްކޫލް މުބާރާތުން ކުދިންތައް ނަގައިގެން. މާލެއިން މެއިންކޮށް. މިހާރު ތިބި ކުދިންވެސް ގޯހީކީ ނޫނޭ. ހަމަ ވަރަށް ރަނގަޅު، ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ކުޅުނުތަން ފެނިގެންދިޔައީ،" ޖަޑާ ބުންޏެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެއާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ކުޅުންތެރިޔަކަށް އެއްވެސް ހިތްބުރަ ކަމެއް ނެތެވެ. ކޯޗުގެ މަސައްކަތަށްވެސް ސާބަހެވެ. މުބާރާތުގައި އިތުރު ހިތްވަރަށްވެސް އެދެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިންތަކަކަށް ތަޖުރިބާއަކީ މުހިއްމު އެއްޗެކަށްވެސް ވާނެއެވެ. މިއީ ރަނގަޅު ބިންގަލެއް ކަމަށްވެސް ދެކެމެވެ. އެހެން ނަމަވެސް އަބަދު ދައްކަމުން އަންނަ އެއް ވާހަކައަކަށް ނިމުން ގެންނަން ޖެހިއްޖެއެވެ. ދެން އޮތް މުބާރާތަކަށް، ދެން އޮތް މުބާރާތަކަށް: މިހެން ބުނުން ދޫކޮށްލާ، މި މުބާރާތަށްވެސް ތައްޔާރުވާންވީ އެބުނާ އަތޮޅު ތެރޭގެ ހުނަރުހުރި ކުދިން ލައިގެންނެވެ. ތައްޔާރީއެއްނެތި އެ ހޯދައިދެވެނީ އެންމެ އެދެވޭ ތަޖުރިބާއެއް ނޫނެވެ. ބޫޓާން ފަދަ ގައުމުތަކުން ކޭމްޕްކޮށް، އިންތިހާއަށް ސީރިއަސްކޮށް މުބާރާތް ނަގާ އިރު، ރާއްޖެއިންވެސް ވިސްނަން ވެއްޖެއެވެ. ބަލިވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ތައްޔާރެއް، މިސްރާބެއް، ނެތްގޮތަކަށް ޓީމު ފެނުމެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަސަނާ

    ނޫނޭ.... ތިޔައީ ކޮސް ހިޔާލެއް. ރާއްޖެ ތެރެއިން ކުދިން ގެންނާނެ ކަމެއްނެތް..... މާލޭގަ މާލޭވެފަ ތިބޭ މަހުޖަނުންގެ ދަރިންކޮޅު ލައިގެން ކުޅުނީމަ ހުންނާނީ ރަގަޅަށް. ތިޔަ ބުނާ ފުޓްބޯޅައިގެ މައި އިދާރާއަކީ ވެސް ތި ކަންކަމަށް އިސްކަންދޭ ބަޔެއްނޫން. ފޯން ކޯލް ތަކަށް ޖަވާބުދާރީ ވެވޭ ފެންވަރުގެ ބަޔެއްވެސް ނޫން...... ތިޔަ އުޅޭ މޮޅަތި ކޯޗުންނަށްވެސް ފެންނަނީ ވަކި ރަށެއްނޫނީ ވަކި ހިސާބެއްގަ ކުޅޭ ބަޔެއް.... އެމީހުންގެ އެހީތެރިކަންވެސް ލިބޭނީ އެބަޔަކަށް އެކަނި... ދެން ތިބޭ ތަންތަނަކީ އެމީހުން ދެކެންބޭނުންވާ އަޅާލަން ބޭނުންވާ ތަންތަނާއި ރަށްތަކެއްވެސް ނޫން..... މިކަމަށް ތިޔަ ބޭފުޅުން ވިސްނާލުމުންވެސް ހަމަރަނގަޅަށް އެނގޭނެ.... ޝުކުރިއްޔާ!!!!!

    16
    1
  2. އަސްލުވެސް

    ގޯލް ޖެހުމުގެ އިތުރުން ކެޕްޓަނަކީ މީގެ ދެ ތިން ހަފްތާ ކުރިން ޓީމާ ގުޅެން އަތޮޅުތެރޭން ގެނާ ކުއްޖެއް.. އޭނާގެ ހުނަރު ތަފާތު..ވީމާ އަތޮޅު ތެރޭން މިކަހަލަ ކުދިން ގެނެސްގެން ޓްރެއިން ކުރުވައިފިނަމަ، ރަނގަޅުވާނެކަމާމެދު ޝައްކެއް ނެތް.

    11
  3. ށަވިޔަނި

    ޓީމްތަކަށް ކުދިންނަގަނީ ކޯޗް ސްޓާފުންގެ ރައްޓެހިންގެ ދަރިން. ކޮން މޮޅެއް ދެންވާނީ

    11
  4. ވިސްނާ

    މީގައި މިއުޅެނީ ދިވެހި ރައްޔިތުންގެ ވިސްނުމުގެ މައްސަލައެއް. ގިނަ ދިވެހި ރައްޔިތުންނަކަށް ނޭނގޭ ދީނީ ކަންކަމާއި، ގައުމީ ކަންކަމާއި، އިޖުތިމާއީ ކަންކަމާއި، ސިޔާސީ ކަންކަން ވަކިކުރާކަށް. ދެންއަނެއްކޮޅުން ދިވެހި ރައްޔިތުންނާ ކަމެއް ހަވާލު ކޮށްފިނަމަ، އެކަމެއްގައި އިޚުލާސްތެރިވުން އެއީ ނެތްކަމެއް. ތަނަކަށް އަދި ޑިމޮކްރަސީ ވަޑައިގަތަކަސް، އެތަނެއް ތަރައްގީވެ ތަހުޒީބެއް ނުވާނެ، އިޚުލާސްތެރިކަމާއި އަދަބު އަޚުލާގާއި ޢިލްމާ ނުލައެއް. އެހެންވީމާ ދިވެހިރާއްޖެއަށް ލިބޭ ފައިދާއާއި ގެއްލުންތައް ގުޅިފައިވަނީ މިކަންކަމާ. ކަމެއް ކާމިޔާބުކުރަން ބޭނުންނަމަ އެކަމެއްގައި އިޚުލާސްތެރިވުމަކީ ވަރަށް މުހިއްމު ސިފައެއް.

  5. ފަހުދާ

    މިހާރުވެސް އައްޑޫ އިން އެކަނި ވެސް ތިޔަށް ވުރެ މޮޅު ޓީމެއް ނެރެވޭނެ..މެޗު ބަލަން އިން އިރު މަ ކޮސްވި ކޮލެޓީ ދަށް ކަމުން..މަގޭ ހިތައް އެރި މަގޭ ދަރި ފުޅު މި ޓީމުގެ ނެތީ ކީއްވެ ހެއްޔޭ! އޭރު އެ ސޮރު އޭނަ ޔާ އެކު ކުޅޭ ކުދިން ނާ އެކު ޓީމުށް ސަޕޯޓު ކުރުމުގައި އުޅޭ.

    10
    2
  6. ާްއަރިއަތޮޅު،މީހާ.

    އަނބު،ހޯދަންޏާ،ދާންވީ ފޯއްމުލަކަށްހާލު،ފޮޅި،ހޯދަންޏާ،ދާންވީ، ކުޅުދުއްފުއްޓަަށް،ކުޅުންތެރިން،ހޯދަމްޏާ،ދާންްވީ،މަހިބަދުއަށް، އޭދަފުށްޓަށް،ކ.ހުރައަށް،އއ.ތޮށްޑޫއަށް. މީ،ވަރަށް،ވާހަކަ.

    5
    2
  7. އަލީ

    ތިޔޭ ފެށުނީއްސުރެ އަހަރެމެން މިކިޔާ ވާހަކައަކީ

  8. މޫސަ

    މި ލިޔުން ލިޔެދިނީތީ ޝުކުރިއްޔާ

  9. މާކަޅޭ

    އަނބު،ހޯދަންޏާ،ދާންވީ ފޯއްމުލަކަށްހާލު،ފޮޅި،ހޯދަންޏާ،ދާންވީ، ކުޅުދުއްފުއްޓަަށް
    ،ކުޅުންތެރިން ،ހޯދަމްޏާ،ދާންްވީ ،މަހިބަދޫ ،ކ.ހުރައަށް ،އއ.ތޮށްޑޫއަށް. ބ.ކިހާދޫއަށް މީ،ވަރަށް،ވާހަކަ

    1
    2
  10. Anonymous

    ސުބްހާނަﷲ ނަނަމަ ތިކަން ނުކުރައްޗޭ! ކުރިންވެސް މާލޭ މީހުންނަށް އެނގޭ ރާއްޖެތެރޭ މީހުންލައިގެންކަން ތިކަންކުރެވޭނީ. އެކަމަކު މާލޭ މީހުންގެ އަގުވެއްޓިދާނެތީ ލަދުން އެކަން ނުކުރެވިގެން އުޅެނީ. ދިވެހި ފުޓްބޯޅަ ހޯދި ކޮންމެ ކާމިޔާބީއެއް ހޯދާފައިވަނީ ރާއްޖެތެރޭ މީހުންގެ ބޮޑު ހިއްސާއެއްގެ ސަބަބުން!

  11. މާކަޅޭ

    ނިކަން އާދެބަލަ ކިހާދޫ އަށް ކުޅުން ތެރިންކޮޅެއް ނަގަން .މަންމަގެ އުގުން ފެށިގެން ކައްވަޅައް ދާންދެން ފުޓުބޯޅަ ކުޅޭށެވެ.

  12. ހސޖސ

    ނޫނޭ. ސިޔާސީން މާލު ކައި ހުސްވީމަ އެވީ އެކަން ކުރަން