ޔޫއެފާ 15 އަހަރުން ދަށުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ، ލެޓްވިއާއިން ފައިނަލަށް ދަތުރު ކޮށްފިއެވެ.

އައްޑޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ލެޓްވިއާއިން ބޫޓާން ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

ޔޫއެފާގެ އެހީތެރިކަމާއެކު އައްޑޫ ސިޓީގައި ބާއްވަމުންދާ ޔޫއެފާ އެސިސްޓް މުބާރާތަކީ 15 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެކެވެ. ރާއްޖޭގެ އިތުރުން މި ސަރަހައްދުގައި ހިމެނޭ ބޫޓާނުންވެސް މުބާރާތުގައި ވާދަކުރާ އިރު، ދެން މުބާރާތުގައި ވާދަކުރަނީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ބާރު، ސައުދީ އަރަބިޔާއާއި ޔޫރަޕްގެ ފުޓުބޯޅައިގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ލެޓްވިއާއެވެ.

ލެޓްވިއާއިން އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރާ ސައުދީ ބަލިކޮށްފައި އޮތީ 4-1ގެ ނަތީޖާއަކުންނެވެ. ބޫޓާނުން ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ރާއްޖެ ކައިރިން 2-1 އިން މޮޅުވެފައި އޮތް އިރު، މިއަދުގެ މެޗަކީ ފައިނަލުން ޖާގައެއް ހޯދުމަށް މުހިއްމު މެޗެކެވެ. ރާއްޖެ ކަޓާފައި އޮތް އިރު، މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ކުރެވެން އޮތެވެ.

ބޫޓާންއަކީ ސަރަހައްދީ ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ގައުމެއްކަން މިބުރާތާތުންވެސް ފެނިގެންދިޔައެވެ. ހާއްސަކޮށް އެޓީމުގެ ޒުވާން ޓީމަކުން މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، މިއަދު ނުކުތީ ވަރުގަދަ ލެޓްވިއާއާ ދެކޮޅަށެވެ. ޔޫރަޕްގެ ފުޓުބޯޅަ ލެޓްވިއާގެ ފަރާތުން ފުރަތަމަ މެޗުގައިވެސް ފެނުނު އިރު، ލެޓްވިއާގެ ކުޅުންތެރިން ފެނުނީ އިސްކޮޅުން ބޮޑެތި، ވަރުގަދަ ކުޅުންތެރިންގެ ގޮތުގައެވެ.

ބޫޓާންއާއި ލެޓްވިއާ ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް. މުހައްމަދު އަފްޒަލް

މިއަދުގެ މެޗަށް ނުކުތް އިރު، ދެޓީމުގެ ފުރަތަމަ 11އިންވެސް ބަދަލުތަކެއް ފެނުނެވެ. ބޫޓާނަށްވުރެ ބޮޑަށް ފުރަތަމަ 11އަށް ބަދަލު ގެނެސްފައިވާކަން ފާހަގަވީ ލެޓްވިއާގެ ޓީމުންނެވެ. ބެލެވޭ ގޮތުގައި އޭގެ ބޭނުމަކީ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމެވެ.

މެޗުގެ އަށްވަނަ މިނެޓްގައި ލެޓްވިއާއިން ލީޑު ނެގިއެވެ. މާބޮޑަށް ކުޅެ، އުފެއްދި ހަމަލާއަކުން ނޫނެވެ. ބޫޓާން ގޯލްކީޕަރުގެ ފަރާތުން ފެނުނު ބޮޑު ގޯހެއްގެ ބޭނުން ހިފައިގެންނެވެ. ގޯލްކީޕަރުގެ މިސް ޕާހުގެ ބޭނުންހިފާ ގޯލަށް ބޯޅަ ވައްދާލީ ކުރީ މެޗުގައިވެސް ލެޓްވިއާއަށް ގޯލް ކާމިޔާބުކޮށްދިން ބުރޫނޯ މެލްނިސްއެވެ. އޭގެ މިނެޓެއްފަހުން ބޫޓާން ކޮޅަށް އަނެއްކާވެސް ފަސޭހަ ގޯލެއް ވަދެ، މެޗުގެ ނަތީޖާ 2-0އަކަށް ލެޓްވިއާއިން ބަދަލުކޮށްލިއެވެ.

އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ކްރިސްޓަޕްސް ޕުޒަނޯވްސް ފޮނުވާލި ހަމަލާ ގޯލަށް ވަނީ ތިރިތިރިން ގޮހެވެ. ލެޓްވިއާއިން ދެގޯލްގެ ލީޑެއް ނެގި ނަމަވެސް ބޫޓާނުން ދުލެއް ނުދިނެވެ. އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ހިތްވަރާއެކު ކުރިއަށް ޖެހި ކުޅުނުތަން ފެނުނު އިރު، އެއްވެސް ވަރަކަށް ޑިފެންސްކޮށް، ފަހަތަށް ވިސްނިތަކެއް ނުފެނެއެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ބޫޓާންގެ ކެޕްޓަން ބިކާޝް ޕްރަދާން ޖެހި ހިތްގައިމު ގޯލާއެކު އެޓީމުން ހިތްވަރު އާކުރިއެވެ. އޭރިއާ ބޭރުން ބިކާޝް ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލި އިރު، އެގޯލާއެކު ބޫޓާނުން ކުޅުން ރަނގަޅުކުރިއެވެ. ބޫޓާންގެ މެދުތެރެއިން ކުޅެމުންދިޔަ ޔޮޒޭންގެ ރަގްބޭއާއި ބިކާޝްގެ މަސައްކަތް ފާހަގަކޮށްލެވުނު އިރު، ބޫޓާނުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ.

ކޯނަރެއްގެ ބޭނުން ހިފާ ރަގްބޭ ޖެހި ބޯޅަ، ބޮލުން ގޯލަށް ވައްދާލަ ދިނީ ކިންޒާން ޓެންޒިންއެވެ. ބޫޓާނުން ނަތީޖާ ހަމަހަމަކޮށް ހާފް ނިންމާލަން ދިޔަ ނަމަވެސް، ލެޓްވިއާއަށް ލިބުނު ކޯނަރަކުން އެޓީމުން އަނެއްކާވެސް ލީޑު ހޯދިއެވެ. ލެޓްވިއާއަށް ގޯލް ޖަހައިދިނީ ޑާރިއޯސް ސިޓްސްއެވެ.

ދެޓީމަށްވެސް ރާއްޖޭގެ މޫސުން އުނދަގޫކަން ފާހަގަކުރެވުނެވެ. މެޗުގެ ފަހުކޮޅުގައި ދެޓީމުންވެސް ވަރުބަލިކޮށް ފެނުނު އިރު، ބޫޓާނުން ތުވާލި ފަދަ އެއްޗެހި ބޭނުންކޮށް، ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް ހޫނު ކުޑަކުރަން ވޯޓާ ބްރޭކްގައިވެސް މަސައްކަތް ކުރިތަން ފެނުނެވެ.

ބޫޓާންއާއި ލެޓްވިއާ ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް. މުހައްމަދު އަފްޒަލް

ދެވަނަ ހާފް ފެށިގެން މާގިނައިރެއް ނުވެ، ބޫޓާނުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރިއެވެ. ކަލްޑެން ޗޮއިޑާގެ ހިތްގައިމު ގޯލެކެވެ. ދުރުން ފޮނުވާލި ހަމަލާ އަމާޒުކޮށްލީ މަތީ ކަނަށެވެ. އެގޯލާއެކު ބޫޓާނުން ހަމަޖެހިލި ނަމަވެސް، ފަހުކޮޅަށްގޮސް، ދިގު ބޯޅަތަކުގެ ފައިދާ ނެގީ ލެޓްވިއާއިންނެވެ. ފުލުފުލުގައި ދެ ގޯލް ޖަހާ ބޫޓާނުން ކުރަމުން އައި ހިތްވަރު ގެއްލުވާލިއިރު، ލެޓްވިއާއިން ފައިނަލް ޔަގީން ކުރިއެވެ.

ލެޓްވިއާއިން ޖެހި ގޯލްތައް ކާމިޔާބުކުރީ ޑާރިއޯސް ސިޓްސްއާއި ބުރޫނޯއެވެ. ބޫޓާނުން މެޗުގެ ފަހު މިނެޓާ ހަމައަށްވެސް ކުރިއަށް ޕުޝްކޮށް، ގޯލެއް ޖެހުމަށް ބުރަކޮށް މަސައްކަތް ކުރިކަން ފާހަގަކޮށްލެވުނެވެ.

މިހާތަނަށް ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހޯދާ، ލެޓްވިއާ ފައިނަލް ޔަގީން ކުރިއިރު، ސައުދީއާއި ބޫޓާނަށްވެސް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ސައުދީ ބަލިކޮށް ބޫޓާނަށް ފައިނަލަށް ދެން އޮތް އިރު، ދެން މުބާރާތުގެ މެޗެއް އޮންނާނީ 26 ވަނަ ދުވަހުއެވެ. އެ ދުވަހުގެ މެޗުގައި ބޫޓާނާއި ސައުދީ ވާދާކުރާ އިރު، އަނެއް ދުވަހު އޮންނަ މެޗުގައި ރާއްޖެ ނުކުންނާނީ ލެޓްވިއާއާ ދެކޮޅަށެވެ.