އައްޑޫ ހިތަދޫގައި ކުރިއަށްދިޔަ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ލެޓްވިއާއިން ހޯދައިފިއެވެ.

އައްޑޫ ޒޯން ސްޓޭޑިއަމްގައި މިއަދު ކުޅުނު ފައިނަލްއިން ލެޓްވިއާއިން ބޫޓާން ބަލިކުރީ 6-0ގެ ނަތީޖާއަކުންނެވެ.

ޔޫއެފާގެ އެހީތެރިކަމާއެކު އައްޑޫ ސިޓީގައި ބޭއްވި ޔޫއެފާ އެސިސްޓް މުބާރާތަކީ 15 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެކެވެ. ކުރިއަށް އޮތް ސާފް 16 އަހަރުން ދަށުގެ މުބާރާތާއި، ޔޫއެފާގެ 16 އަހަރުން ދަށުގެ މުބާރާތަށް ރާއްޖެއިން ޓީމެއް ތައްޔާރުކުރަމުންދާ އިރު، މިއީ އެ މުބާރާތަތްތަކަށް ޓީމުގެ ފެންވަރު ވަޒަން ކޮށްލަން ލިބުނު މުހިއްމު ފުރުސަތެކެވެ.

ޔޫއެފާ އެސިސްޓް ޕްރޮގްރާމްގެ ދަށުން މުބާރާތް ކުރިއަށް ގެންދިޔައިރު، މުބާރާތުގައި އެންމެ ބަލިކޮށް ފެނުނީ ރާއްޖެއެވެ. ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެއަށްވުރެ ދަށުން ގުނަމުން އަންނަ ބޫޓާންގެ ޒުވާން ޓީމުންވެސް މުބާރާތުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެއްކޮޅުން ފައިނަލް ކުޅުނީވެސް އެޓީމެވެ. ބޫޓާން ފައިނަލަށް ދިޔައީ ވަރުގަދަ ސައުދީ ބަލިކޮށްފައެވެ.

މިއަދުގެ ކުޅުނު ފައިނަލް މެޗަށް ނުކުތްއިރުވެސް ލެޓްވިއާގެ ފެންވަރު އެނގެއެވެ. ޔޫރަޕްގެ ފުޓުބޯޅައިގައިވެސް ކުރިއަރަމުން އަންނަ ލެޓްވިއާ ފުރަތަމަވެސް ފެނުނީ މުބާރާތުގައި ތަފާތު ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. ބޫޓާނާއެކު ލީގު ބުރުގައި ކުޅުނު މެޗުން އެޓީމު މޮޅުވިއިރު، އެ މެޗުގައި ބޫޓާން ހިތްވަރު ކުރިކަން ފާހަގަކޮށްލެވުނެވެ. އަދި ބޫޓާންއަކީ މިހާތަނަށް މުބާރާތުގައި ލެޓްވިއާއަށް އެންމެ ރަނގަޅު ފައިޓެއް ދިން ޓީމުވެސް މެއެވެ.

މިއަދު ކުޅުނު ފައިނަލް މެޗު އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ޝަރަފުވެރިކޮށްދިންއިރު، މެޗުގެ ފުރަތަމަ ހާފްގައި ލެޓްވިއާއިން ތިން ގޯލް ޖެހިއެވެ. ޖޯޖިސް ސެކޯވްސްއާއި ޑޯރިއޯ ސިޓްސް ގޯލްތައް ޖަހައިދިންއިރު، ސެކޯވްސް ވަނީ ދެ ގޯލް ޖަހާފައެވެ. ކްރިސްޓާސް ވޮލްކޯވްސް ގޯލަކާއެކު ލެޓްވިއާއިން ދެވަނަ ހާފް ފެށިއިރު، ބުރޫނޯ މެލްނިސްއާއި ސިޓްސް ވަނީ އިތުރު ގޯލްތައް ކާމިޔާބުކޮށް، ލެޓްވިއާއަށް ތަށި ޔަގީން ކޮށްދީފައެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ލެޓްވިއާގެ ކްރިސްޓާސް ވޮލްކޯވްސް ހޮވުނުއިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ލެޓްވިއާގެ ސިޓްސްއެވެ.