ރިއަލް މެޑްރިޑް ދޫކޮއްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ބޭނުންވަނީ ހުރެވޭނެ އެންމެ ގިނަ ދުވަހަކު ރިއަލް މެޑްރިޑްގެ ކޯޗްކަމުގައި ހުރުން ކަމަށް ރިއަލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މި ސީޒަންގައި ރިއަލް މެޑްރިޑަށް ރަނގަޅު ކާމިޔާބީއެއް ނުހޯދި ޒިދާން އަށް ޕްރެޝަރު ބޮޑުވެ އެހެން ކޯޗުންތަކެއް ރިއަލް މެޑްރިޑާއި ހަވާލުވާން ތައްޔާރަށް ތިބިކަމަށް އަޑުފެތުރިފައިވާ މިދަނޑިވަޅުގައި ޒިދާން މިހެން ބުނީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައެވެ.

"މިއީ އަހަރެން ނިންމާ ނިންމުމެއް ނަމަ އަހަރެންގެ ޕްލޭންއަކީ މެޑްރިޑްގައި ހުރެވޭނެ އެންމެ ގިނަ ދުވަހަކު މަޑުކުރުން. މިވާހަކަ އަހަރެން އެތައްފަހަރަކު ބުނެފައިވާނެ. އަހަރެން މިކުރާ މަސައްކަތާއި ދޭތެރޭ އަހަރެން ހިތްހަމަ ޖެހޭ." ޕްރެސް ކޮންފަރެންސްގައި ޒިދާން ބުނެފައިވެއެވެ.

މި ސީޒަންގައި ލަލީގާ ލިބޭނެކަމުގެ އުއްމީދު ރިއަލް މެޑްރިޑަށް ގެއްލިފައިވާއިރު ވާދަވެރި ބާސެލޯނާ އޮތީ ލަލީގާގެ އެއްވެސް މެޗަކުން ބަލި ނުވެ ލީގް ކާމިޔާބްކުރުމާއި ދާދި ގާތުގައެވެ. ލަލީގާގައި ރިއަލް މެޑްރިޑް ދައްކަމުން އަންނަ ކުޅުމާމެދު ސުވާލު އުފެދި ކޯޗް ޒިދާންއަށް ފާދުކިޔުންތަށް އަމާޒުވަމުންދާއިރު ޓީމްގެ ތެރެއިންނާއި ބޭރުން އޭނާއަށް އަންނަނީ ޕްރެޝަރާއި ކުރިމަތި ވަމުންނެވެ.

މި ސީޒަންގައި ރިއަލް މެޑްރިޑަށް ކާމިޔާބު ކުރުމުގެ އުއްމީދު އޮތް ހަމައެކަނި ތައްޓަކީ ޗެމްޕިއަންސް ލީގްގެ ތަށި ކަމަށްވާއިރު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗްގައި ރިއަލް މެޑްރިޑް ނިކުންނަން ޖެހޭނީ މިއަންނަ ހޯމަދުވަހު އިޓަލީގެ ގަދަ ބާރެއް ކަމަށްވާ ޖުވެންޓަސް އާއި ދެކޮޅަށް ޖުވެންޓަސް ދަނޑުގައެވެ.

މި ދެޓީމް އެންމެ ފަހުން ބައްދަލު ކުރީވެސް މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައެވެ. އެފަހަރު ރިއަލް މެޑްރިޑް ވަނީ ޖުވެންޓަސްގެ މައްޗަށް 1-4 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. ޖުވެންޓަސް އެފަހަރު ވީބަލިން ތަޖުރިބާ ހޯދައިގެން މިފަހަރު ރިއަލް މެޑްރިޑާއި ދެކޮޅަށް ނިކުންނާނީ ސީދާ 3 ޕޮއިންޓަށް ކަމަށް ޖުވެންޓަސްއިން ވަނީ ބުނެފައެވެ.