ދުނިޔޭގައި އެންމެ ސެކިއުރިޓީ ވަރުގަދަކޮށް ބަލަހައްޓަމުން އަންނަ އެއް ތަން، އެމެރިކާގެ އެއާ ފެސިލިޓީ، އޭރިއާ 51ގައި އޭލިއަނުން ގެންގުޅޭ ކަމަށް ބުނެ އެތައް މިލިއަން ބަޔަކު އެތަން ރޭޑު ކުރާނޭ ކަމުގެ އިންޒާރު ދެމުން އަންނަ އިރު، އަމިއްލަ އޭރިއާ 51 އޮންނަ ކަމަށް އެލްއޭ ގެލެކްސީގެ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

ނޫސްވެރިއަކު އޭރިއާ 51 ތެރޭގައި ވަނީ ކޮން އެއްޗެއްތޯ ޒްލަޓަން އާއި ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އެހެން ޒްލަޓަން އެއް އެތާ އެތެރޭ ނުހުންނާނޭ ކަމަށާއި، އަދި އޭނާގެ އަމިއްލަ އޭރިއާ 51 އެއްވެސް އޮންނަ ކަމަށެވެ.

"އެތޭ އެތެރޭ ވަނީ ކޮން އެއްޗެއް ކަމެއް އަހަންނަކަށްވެސް ނޭނގޭ. އެކަމަކު ހަމަ ގައިމުވެސް އެހެން ޒްލްޓަން އިބްރަހިމޮވިޗެއް ނުހުންނާނެ އެތާކު އެއް. އެއީ އަހަރެން މިހުރީ މިތަނުގައި. އެހެން ނޫނަސް، އަހަރެންގެ އަމިއްލަ އޭރިއާ 51 އެއް އޮވޭ. ދެން ކީއްކުރަން އެންމެން ވަންނަން އުޅޭ އޭރިއާ 51ށް އަހަރެން ވަންނަންވީކީ" ޒްލަޓަން ބުނެފައި ވެއެވެ.

އޭރިއާ 51ގައި އޭލިއަނުން ގެންގުޅޭ ކަމަށް ތުހުމަތު ކޮށް، ފޭސްބުކުގައި އެތަން ރެއިޑު ކުރަން ފެންނަ ކަމަށް ބުނެ މީހަކު ޕެޓިޝަނެއް ފެށުމުން އެތައް މިލިއަން ބަޔަކު ވަނީ އެކަމަށް ތާއިދުކޮށް ޕެޓިޝަނުގައި ސޮއި ކޮށްފައެވެ. މިއާއި އެކު އެމެރިކާގެ ސިފައިން ވަނީ އެތަނަކީ އެ ގައުމުގެ ސިފައިން ތަމްރީނު ކުރާ ތަނެއް ކަމަށާއި އެތަނަށް ވަންނަން މަސައްކަތް ކުރާ މީހުންނާއި ދެކޮޅަށް ހަތިޔާރުގެ ބޭނުން ކުރާނޭ ކަމުގެ ވަރުގަދަ އިންޒާރު ދީފައެވެ.

ނަމަވެސް، އެ ޕެޓިޝަން ފެށި މީހާ ފަހުން ބުނެފައި ވަނީ އެއީ އޭނާ ސަމާސާ ކުރުމުގެ ގޮތުން ފެށި ކަމެއް ކަމަށާއި، ބަޔަކު އެތަން ރެއިޑު ކުރި ނަމަވެސް، އެކަމުގެ ޒިންމާ އޭނާ ނުނަގާނޭ ކަމަށެވެ.

ޒްލަޓަންވެސް ސަމާސާ ކުރުމުގެ ގޮތުން އޭރިއާ 51އާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި ވާއިރު، އެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި އިދިކޮޅު ކުޅުންތެރި އެއްގެ މޫނުމަތި ފަޅާލައި، އޮޕަރޭޝަން ކުރަން ޖެހުމުން އޭނާ ވަނީ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހިފައެވެ.