ޕްރިމިއަރ ލީގުގައި ރޮމެލޫ ލުކާކޫ ޖެހި 100 ވަނަ ގޯލާ އެކު 0-2 އިން ސްވެންސީ ސިޓީގެ މައްޗަށް ކުރި ހޯދައި ލީގުގެ ދެވަނަ އަށް މެންޗެސްޓަރ ޔުނައިޓެޑް އަލުން އަރައިފިއެވެ.

ރޭގެ މޮޅާ އެކު ލީގުގެ ދެވަނައިގައި ޔުނައިޓެޑް އޮތީ 68 ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި 66 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ލީގުގެ އެއްވަނައިގައި 84 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. ރޭ ޔުނައިޓެޑް އަތުން ބަލިވި ސްވެންސީ އޮތީ 31 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ލުކާކޫ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މިއީ އުމުރުން 24 އަހަރުގެ ލުކާކޫ ޕްރިމިއަރ ލީގުގައި ކާމިޔާބުކުރި 100 ވަނަ ގޯލަށްވާއިރު އޭނާ އަކީ މި ޝަރަފު ހޯދި އެންމެ ޒުވާން ފަސްވަނަ ކުޅުންތެރިޔާއެވެ. މި ޝަރަފު ހޯދި އެންމެ ޒުވާން ކުޅުންތެރިއަކީ މައިކަލް އޮވެންއެވެ. އެގޮތުން އޮވެން ޕްރިމިއަރ ލީގުގައި 100 ގޯލު ހަމަކުރީ އުމުރުން 23 އަހަރުގައެވެ.

ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅުނުއިރު މެޗުގެ 20 ވަނަ މިނެޓްގައި އެލެކްސިސް ސަންޗޭޒް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ވެސް ގޯލްޖަހާނެ ފުރުސަތުތަކެއް ޔުނައިޓެޑުން ތަނަވަސްކުރިއެވެ. އަދި މި ހާފުގައި ސްވެންސީ އިން ވެސް ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ.

ޕްރިމިއަރ ލީގުގައި 100 ގޯލު ލުކާކޫ ރޭ ހަމަކުރިއިރު އޭނާ ވަނީ މިއީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

"މިއީ އަހަރެން ދެކެމުން އައި ހުވަފަނެއް ހަގީގަތަކަށްވުން. އުމުރުން ހަ އަހަރުން ފެށިގެން އަހަރެން އެންމެ ކުޅެން ބޭނުންވި ލީގުގައި މިފަދަ ކަމެއް ހާސިލުވުމުން ވަރަށް އުފާވޭ" ބެލްޖިއަމް އަށް އުފަން ފޯވާޑް ބުންޏެވެ.

ލުކާކޫ ވަނީ އޭނާގެ ޕްރިމިއަރ ލީގުގެ ކެރިއަރުގައި ޔުނައިޓެޑްގެ އިތުރުން ޗެލްސީ އާއި ވެސްޓްބްރޮމް އަދި އެވަޓަން އަށް ކުޅެފައެވެ.