ޔޫރަޕްގެ އެންމެ ޑިމާންޑް ބޮޑު އެއް ޒުވާން ކުޅުންތެރިޔާ، މޮއިސް ކީން އެވަޓަންއަށް ސޮއި ކޮށްފިއެވެ.

ކީންއަކީ މިދިޔަ ސީޒަންގައި އިޓަލީގެ ޔުވެންޓަސްއިން ވިދާލި ކުޅުންތެރިއެކެވެ. އުމުރުން އެންމެ 19 އަހަރުގައި އިޓަލީ ގައުމީ ޓީމަށްވެސް އޭނާ ކުޅެފައިވާއިރު، ގައުމީ ޓީމަށް ކުޅުނު ތިން މެޗުން ދެ ގޯލް ކާމިޔާބު ކޮށްފައިވެއެވެ. ކީން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެވަޓަންއަށް ސޮއިކުރިއިރު، އޭނާ ވަނީ ސެރެއާ އޭގައި ކުޅުނު 21 މެޗުން އަށް ގޯލް ޖަހާފައެވެ.

އުމުރުން 10 އަހަރުން ފެށިގެންވެސް ޔުވެންޓަސްއަށް ކުޅެމުންދިޔަ ކީން، އެވަޓަންއަށް ސޮއިކޮށްފައި ވަނީ 36 މިލިއަން ޕައުންޑްގެ އަގަކަށެވެ.

"އެވަޓަންގެ ޖާޒީ ލެވުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް. އެވަޓަންގެ ވިސްނުމާ އަހަރެންގެ ވިސްނުމާ ދާދި އެއްގޮތް ކަންތައްތަކެއް އެބަހުރި. އެގޮތުން އެވަޓަންވެސް އަދި އަހަރެންވެސް ބޭނުން ވަނީ ކުރިއަރަން. އަދި އަހަންނާ އެކަށޭނެ ފެންވަރެއްގެ ކްލަބެއް އެވަޓަންއަކީ. މުސްތަގުބަލަށް ވިސްނުމަކީ އަބަދުވެސް ކެރިއަރުގައި ކުރަން ޖެހޭނެ ކަމެއް،" ކީން ބުންޏެވެ.

ލީގުގެ މެޗުތައް ފެށެން ހަފްތާއަކަށް ވެފައިވާއިރު، އެވަޓަންއިން ޓީމު ވަރުގަދަ ކުރުމަށް ޓްރާންސްފާތަކެއް ކޮސްފައިވެއެވެ. މިދިޔަ ސީޒަންގައި ބާސެލޯނާގެ ލޯން ކުޅުންތެރިއެއްގެ ގޮތުގައި އެވަޓަންގައި ވިދާލި އަންދްރޭ ގޮމޭޒް، ރަސްމީކޮށް އެވަޓަންއަށް ބަދަލުވެފައިވާއިރު، ސިޓީއަށް ކުޅުނު ފަބިއަން ޑެލްފްވެސް މި ސީޒަންގައި ފެންނާނީ އެވަޓަންއިންނެވެ.

ކީން ހޯދަން ޕީއެސްޖީއާއި މެންޗެސްޓާ ޔުނައިޓެޑުންވެސް މަސައްކަތް ކުރިއިރު، އެވަޓަންއިންއަށް އޭނާ ދިޔައީ ބޮޑު ކްލަބަކަށް ނުދިޔުމަށް ކަމަށް ބެލެވެއެވެ.