ގާފަރުގައި ބާއްވާ އެންމެ ފޯރިގަދަ، އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ކުޅުނު މެޗުތަކުން ވައިޕާސް، އެފްސީ ގާފަރު އަދި އޯކޭ ބޯއީސް މޮޅު ވެއްޖެއެވެ.

އިއްޔެއާއި ރޭ، މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ ކުޅެފައި ވަނީ ހަތަރު މެޗެވެ. އެއީ ގްރޫޕް އޭގެ ދެމެޗާއި ގްރޫޕް ބީގެ ދެމެޗެވެ. ގްރޫޕްއޭގައި އިއްޔެ އޮބްލޫ ސަންގެލި އަދި ޕްރިޑޭޓާސް ވާދަކުރި މެޗު އެއްވަރު ވީ 3-3-ގެ ނަތީޖާއަކުންނެވެ. އެއީ ސަންގެލިން މުބާރާތުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕްރިޑޭޓާސްގެ އަހުމަދު ޝާފިއު (ޝާއްޕެ)އެވެ.

ދެން ކުޅުނު ގްރޫޕް އޭގެ މެޗުގައި އެފްސީ ގާފަރުން ޑައުންޓައުން ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. އިއްޔެ ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އޯކޭ ބޯއީޒްއިން އެކްސް ބޯއީޒް ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. ގްރޫޕް ބީގެ ދެވަނަ މެޗުގައި ވައިޕާސްއިން އެންމެފަހުންގެ ޗެމްޕިއަން ހަބޭސް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ މެޗުތައް މިއަދާ މިރޭވެސް އޮންނާނެއެވެ. މެޗުތައް ގާފަރު ކޮމިއުނިޓީ އެފްބީ ޕޭޖުން ލައިވް ކުރާނެއެވެ.

ގާފަރު ޑެވަލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ކުޑައީދާ ދިމާކޮށް ވެޓަރަންވެސް މުބާރާތެއްވެސް ބާއްވަމުންދާއިރު، ބޮޑު އީދާ ދިމާކޮށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައެޅިފައެވެ. ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައެވެ.

މިއަހަރުގެ މުބާރާތުންވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.