ގާފަރުގައި ބާއްވާ އެންމެ ފޯރިގަދަ، އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، ސެމީ ފައިނަލްގެ ޓީމުތައް ޔަގީން ވެއްޖެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ވަރަށް ފޯރިގަދަކޮށް ފާހަގަކޮށްލެވުނުއިރު، ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ތިބެން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެންމެފަހުގެ ޗެމްޕިއަން އެފްސީ ހަބޭސް ގްރޫޕް ސްޓޭޖުން ކަޓާފައިވާއިރު، އެޓީމު ހިމެނޭ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ވައިޕާސްއެވެ.

ވައިޕާސް ސެމީއަށް ދިޔައީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ޓީމުގެ ގޮތުގައި އޯކޭ ބޯއީޒް ސެމީގެ ފުރުސަތު ހޯދިއިރު، އެޓީމަށް ހަތަރު މެޗުން ލިބެނީ އަށް ޕޮއިންޓެވެ. އެންމެފަހުގެ ޗެމްޕިއަން ހަބޭސް ތިންވަނައިގައި އޮތީ ފަސް ޕޮއިންޓާއެކުގައެވެ.

ގްރޫޕް އޭ ފާހަގަކޮށްލެވުނީ މާ ފޯރިގަދަކޮށެވެ. ހަތަރު މެޗުން އަށް ޕޮއިންޓާއެކު އޮތް ޕްރިޑޭޓާއަށް ގްރޫޕްގެ އެއްވަނަ ލިބޭއިރު، ދެވަނަ ލިބިފައި ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު އޮތް ނިއު ޔަންގް ސްޕޯޓްސްއަށެވެ. އެފްސީ ގާފަރު ހިތްދަތިކޮށް ކަޓައިގެން ދިޔައިރު، އެޓީމަށް ލިބިފައި ވަނީ ހަތަރު މެޗުން ހަ ޕޮއިންޓެވެ.

ސެމީ ފައިނަލް ދެ މެޗުވެސް މިރޭ އޮންނާނެއެވެ. ފުރަތަމަ މެޗުގައި ޕްރިޑޭޓާސްއާއި އޯކޭ ބޯއީޒް ވާދަކުރާއިރު، ދެވަނަ މެޗުގައި ވައިޕާސް ނުކުންނާނީ ނިއު ޔަންގް ސްޕޯޓްސްއާ ދެކޮޮޅަށެވެ.

ގާފަރު ޑެވަލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ކުޑައީދާ ދިމާކޮށް ވެޓަރަންވެސް މުބާރާތެއްވެސް ބާއްވަމުންދާއިރު، ބޮޑު އީދާ ދިމާކޮށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައެޅިފައެވެ. ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައެވެ.

މިއަހަރުގެ މުބާރާތުންވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން މަޝްހޫރު ތަރިން ފެނިގެންދެއެވެ.