ގާފަރުގައި ބާއްވާ އެންމެ ފޯރިގަދަ، އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވައިޕާސްއިން ހޯދައިފިއެވެ.

އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އޯކޭ ބޯއީޒް 3-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ގާފަރު ޑިވަލޮޕްމަންޓް ސޮސައިޓީން އިންތިޒާމް ކުރާ ގާފަރު ފުޓްސަލް ޓޯނަމެންޓްގެ ފައިނަލްގައި ވައިޕާސްއަށް ގޯލްތައް ޖަހައިދިނީ އިބްރާހީމް ރިމާހު އަދި ނާއިހު މުފީދެވެ. ރިމާހުވަނީ މެޗުގައި ދެގޯލް ކާމިޔާބުކޮށްދީފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވައިޕާސްގެ ރިމާހެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީލިޔުންވެސް ހަވާލުކޮށްފައިވެއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ވައިޕާސްގެ ރިމާހު ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ނިއު ޔަންގް ސްޕޯޓްސްގެ އަޒިޔާން އިބްރާހީމެވެ. ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އޯކޭ ބޯއީސް މުޙައްމަދު އައްޒާމެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޗެމްޕިއަން ވައިޕާސްގެ ޙަސަން އިނާން ހޮވުނުއިރު، ދެން ހޮވާފައި ވަނީ ގަދަ ފަސް ކުޅުންތެރިންނެވެ.

ގަދަ ފަހެއް:

1. އިބްރާހީމް ރިމާހު (ވައިޕާސް)
2. ފައްޔާޒް ފަޔާޒް (ވައިޕާސް)
3. ޣައިސާން އަބޫބަކުރު މާހިރު (ވައިޕާސް)
4. މުޙައްމަދު އައްޒާމް (އޯ.ކޭ ބޯއީސް)
5. އަބްދު ﷲ ސާފިއު (ޕްރިޑޭޓާސް)

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ވައިޕާސްގެ ރިމާހް ހޮވުނުއިރު، ފެއާރ ޕްލޭ ޓީމަކީ އޮބްލޫ ސަންގެލިއެވެ.

ގާފަރު ޑެވަލޮޕްމަންޓް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ކުޑައީދާ ދިމާކޮށް ވެޓަރަންވެސް މުބާރާތެއްވެސް ބާއްވަމުންދާއިރު، ބޮޑު އީދާ ދިމާކޮށް ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައެޅިފައެވެ. ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައެވެ.