ޒުވާނުންނަށް ހާއްސަކޮށްގެން ބިގަލޯސް ސްޕޯޓްސް ކްލަބް އިން ބައްވާ ފީފާ މުބާރާތް މި މަހުގެ ވިހި ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
2013 ވަނަ އުފެދިގެން އައި ބިގަލޯސް އެސްސީ އަކީ ފުޓްސަލް އަށާއި އީސްޕޯޓްސް ގޭމިންގެ ތަފާތު ހަރަކާތްތައް ބާއްވަމުން އަންނަ ސްޕޯޓްސް ކްލަބެކެވެ. އެގޮތުން އެ ކްލަބުން މި މަހުގެ ވިހަ ވަނަ ދުވަހު ''ކިންގް އޮފްދަ ގޭމް'' ގެ ނަމުގައި ޒުވާނުންގެ މެދުގައި އީސްޕޯޓްސް އަށް ޝައުގުވެރިކަން އުފެއްދުމުގެ މަގްސަދުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ފީފާ 19 ޕީއެސް4 މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ބިގަލޯސް އިން މައުލޫމާތުދެ އެވެ.
ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް އެރީނާގެ ދެވަނަ ބުރީގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުން 100 ރުފިޔާ ޗާޖް ކުރެވޭނެ އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކުގެ އެހީގައި ރެޖިސްޓާކުރެވޭއިރު، ބައިވެރިވުމުގެ ފީ 7704137569001 އެކައުންޓް ނަންބަރަށް ޓްރާންސްފާ ކޮށްލުމަށްފަހު ސްލިޕް 9196814 އަށް ވައިބާ ކޮށްލެއްވުމުން މުބާރާތުގައި ބައިވެރިވެވުނީ އެވެ. އަދި ފައިސާ ދީގެންވެސް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ނަންބަރަށް ގުޅާލައްވައިގެން އެކަން ކުރިއަށްގެންދިއުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފަ އެވެ.
މުބާރާތުގެ އެއްވަނަ ހޯދާ ކުޅުންތެރިއަކަށް ޗެމްޕިއަން ތައްޓާއެކު 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު ދެވަނަ ހޯދާ ކުޅުންތެރިއަކަށް ރަނަރ-އަޕް ތައްޓާއެކު 2500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހެޅިފަ އެވެ.
މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަން (އެމްއީއެސްއޭ) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްއެޗް ފައުންޑޭޝަން އެވެ. ޓެލެކޮމް ޕާޓްނަރަކީ އުރީދޫ އެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އިވެންޓު ޕާޓްނަރަކަށް އޮފިޝިއަލް އިވެންޓްސް ހަމަޖެހިފައިވާއިރު އީސްޕޯޓްސް ޕާޓްނަރަކަށް ހަމަޖެހިފައިވަނީ އީ2އެސް ގޭމްސް އެވެ.
ކޮމްޕެޓެޓިވް ލެވެލް އެއްގައި ފީފާ 19 ގެ ހުނަރު ދައްކާލަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެެވެ. ބިގަލޯސްގެ އޮފިޝަލަކު ވަގުތަށް މައުލޫމާތު ދެމުން ބުނީ މި މުބާރާތަކީ ޒުވާނުން އެއްތަންވެ އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ލެވެލުގައި އީސްޕޯޓްސްއިން ރަނގަޅު ނަތީޖާ ހޯދޭނެ ފެންވަރު ހުރި ކުޅުންތެރިން ރާއްޖޭގައި އެބަތިބި ކަމަށާއި މި މުބާރާތުގެ ސަބަބުން އެފަދަ ފަރާތްތަކަށް އެމީހުންގެ ހުނަރު ދައްކާލެވި ބޭރުގެ މުބާރާތްތަކަށް ދިއުމުގެ މަހުފަހިވެގެންދާނެ ކަމަށެވެ.
މި މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އަންނަ ހުކުރު ދުވަހު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން ބައިވެރިންނަށް މުބާރާތް ކުރިއަށްދާނެ ގޮތާއި ގަވާއިދު ކިޔައިދިނުން އޮންނާނެ އެވެ.
ރަސްމީކޮށް މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ދުވަހު އެވެ. 'ފީފާ ކިންގް އޮފްދަ ގޭމް' މުބާރާތާއި ބެހޭގޮތުން އިތުރު މައުލޫމާތެއް ހޯދަން ބޭނުން ނަމަ ގުޅުއްވާނީ 9196814 ނަންބަރަށެވެ.
ބިގަލޯސް އަކީ ކޮންބައެއް؟؟؟
ވަރަށް ހަބޭސް!! މަދާނަން
ސަޅި ޕޯސްޓަރެއް