މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ފުޓްބޯޅަ ޓީމަކީ އިނގިރޭސި ވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކަމަށް ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލް އާއެކު މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗު ކްލޮޕް ބުނީ ލިވަޕޫލް އިން އެންމެ ފަހުން ޔޫރަޕްގެ ބޮޑު ތަށި އުފުލާލި ކަމުގައިވިޔަސް ޔޫރަޕްގެ އިތުރުން މުޅި ދުނިޔެ އިން ބެލިކަމުގައިވިޔަސް މެންޗެސްޓާ ސިޓީއަށްވުރެ ވަކި ރަނގަޅު ކްލަބެއް މިވަގުތު ނެތް ކަމަށާއި ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެޓީމުން އަހަރަކަށްވުރެ އަހަރެއް ކުރިއަރަމުން އަންނައިރު މި ސީޒަންގައިވެސް ސިޓީ ފެނިގެންދާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށެވެ.

'' އަހަރެމެންނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނަސް ސިޓީ ލިވަޕޫލަށްވުރެ ވަރުގަދަ. ޔޫރަޕަށް ބެލިކަމުގައިވިޔަސް އަދި މުޅި ދުނިޔެއަށް ބެލިޔަސް ސިޓީ ވަރުގެ ޓީމެއް މިވަގުތު ނެތް. އެއީ ހަގީގަތަކީ. އަހަރެންނަށް ވަރަށް ކަމުދޭ ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެޓީމު ކުޅޭގޮތް ވެސް. އެޓީމު އަންނަނީ ކޮންމެ އަހަރަކު ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން. އެހެންކަމުން އެއްވެސް ޝައްކެއް ނެތި މި ސީޒަންގައިވެސް ސިޓީ ފެންނާނީ ވަރުގަދަކޮށް، '' ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި އިޓަލީގެ ނަޕޯލީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކްލޮޕް ބުނީ ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި އަނެއްކާ މި މުބާރާތާއި ކުރިމަތިލާއިރު މާބޮޑު ޕްރެޝަރެއް ނެތް ކަމަށާއި އެ ކްލަބުން މަސަތްކަތްކުރަމުން އަންނަނީ މިދިޔަ ސީޒަންގައި އެޓީމުން ދެއްކި ކުޅުން މި ސީޒަންގައިވެސް ތަކުރާރު ކުރެވޭތޯ ކަމަށެވެ.

'' ޗެމްޕިއަނުންގެ ގޮތުގައި އަހަރެމެން ނިކުތަސް ހަގީގަތަށް ބުނާނަމަ ނެތް މާބޮޑު ޕްރެޝަރެއް. އަހަރެމެން ޗެމްޕިއަންސް ލީގު ހޯދިތާ ވަރަށް ދުވަސްވެއްޖެ މިހާރު. އެހެންވީމަ އެ ޕްރެޝަރެއް ނެތް. އަހަރެމެން މިފަހަރު ވެސް މި ބަލަނީ މުޅިން އާ ޓީމެއްގެ ގޮތުގައި ނުކުމެ ކުރީފަހަރު ދެއްކި ކުޅުން ތަކުރާރުކޮށް ކުރިއަށް ދެވޭތޯ، '' ކްލޮޕް ބުންޏެވެ.

2005 ގެ ފަހުން ފުރަތަމަ ފަހަރަށް ލިވަޕޫލް ޔޫރަޕްގެ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި މުބާރާތް މިދިޔަ ފަހަރު އުފުލާލިއިރު އެ ޓީމު ފައިނަލަށް ދިޔައީ އެ ބައްރުގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތައް ފަހަތައް ޖައްސާލާފަ އެވެ. ޔޫރަޕްގެ ހަވަނަ ތައްޓާއެކު ލިވަޕޫލުން މިސީޒަންގެ މުބާރާތް މާދަމާ ރޭ ފަށާއިރު ފުރަތަމަ މެޗުގައި ނުކުންނާނީ ނަޕޯލީ އާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިޓަލީގަ އެވެ.