ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ޔުވެންޓަސް ކޮޅަށް ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ގޯލު ވަރަށް ހިތްގައިމު ކަމަށް ބާސެލޯނާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފިއެވެ.

0-3 އިން ރެއާލް މޮޅުވި އެ މެޗުގައި ރޮނާލްޑޯ ދެ ގޯލު ކާމިޔާބުކުރިއެވެ. އެގޮތުން އޭނާ ދެވަނަ ގޯލު ކާމިޔާބުކުރީ ޔުވެންޓަސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބައިސްކަލް ކިކަކުންނެވެ. މި ގޯލާއެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގެ އިތުރު ރެކޯޑެއް ވެސް ގާއިމުކޮށްފައެވެ. އެއީ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ 10 މެޗުގައި ގޯލްޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑެވެ.

ރޮނާލްޑޯގެ މި ގޯލަށް ގިނަ ބަޔަކު ތައުރީފު ކުރަމުންދާއިރު ރެއާލް މެޑްރިޑާއި އެންމެ ވާދަވެރި ބާސެލޯނާގެ މިޑްފީލްޑަރު ރަކިޓިޗް ބުނީ ރޮނާލްޑޯ ކާމިޔާބުކުރި އެ ގޯލަށް އޭނާއަށް މަރުހަބާ ކިޔަންޖެހޭ ކަމަށާއި އެއީ ވަރަށް ހިތްގައިމު ގޯލެއް ކަމަށެވެ.

"އެ ގޯލުގެ މޮޅުކަން ބުނެދޭން ބުނަންވީ ބަސްތައް ހޯދަން ވެސް އުނދަގޫ. މުޅި އެ މެޗު ޑޮމިނޭޓް ކޮށްގެން ރެއާލް އިން ރަނގަޅު ކުޅުމެއް އެ މެޗުގައި ދެއްކި. އަހަރުމެން ރެއާލް އަށް މަރުހަބާ ކިޔަން" ރަކިޓިޗް ބުންޏެވެ.

ކެރިއަރުގައި މޮޅެތި ގިނަ ގޯލުތަކެއް ރޮނާލްޑޯ ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ އެ މެޗުގައި ކާމިޔާބުކުރި ގޯލަކީ ކެރިއަރުގައި ކާމިޔާބުކުރި އެންމެ މޮޅު ގޯލު ކަމަށް ބުނެފައެވެ.

"ޔަގީނުން ވެސް މިއީ އަހަރެންގެ ކެރިއަރުގެ އެންމެ މޮޅު ގޯލު. އެ ގޯލު އަހަރެންގެ ސިކުނޑީގަ އަބަދުވެސް އިންނާނެ. އެކަހަލަ ގޮތަކަށް ގޯލެއް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އަށް މި ސީޒަނުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މިއަހަރު ފެށުނުފަހުން އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ރޮނާލްޑޯ ވަނީ މިއަހަރުތެރޭ ރެއާލް އަށް ކުޅެދިން 16 މެޗުގައި 25 ގޯލު ކާމިޔާބުކޮށްފައެވެ.