ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމްގެ ކްލަބް ބްރޫގީ އާއި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ މިދެޓީމު ކުޅުނު މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރިހޯދީ ބްރޫގީ އިންނެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނައިޖީރިއާގެ ޒުވާން ކުުޅުންތެރިއާ އެމަނުއެލް ބޮނަވަންޓޫރޭ އެވެ. އުމުރުން 21 އަހަރުގެ ފޯވަޑް މި ލަނޑު ޖެހީ ރެއާލްގެ މެދުތެރެ އޮޅުން ބޮޅުންވި ގަޑިއެއްގައި ބްރޫގީން އުފެއްދި ހަމަލާއެއްގައި އެޓީމުގެ ކުޅުންތެރިއަކު އޭރިއާ ތެރެއަށް ވަދެ ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ބޮނަވަންޓޫރޭގެ މި ލަނޑު އެންމެ ފުރަތަމަ ރެފްރީ ނިންމީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ. ނަމަވެސް ވީއޭއާރު ޗެކް ކުރުމަށްފަހު އެއީ ސައްހަ ލަނޑެއް ކަމަށް ރެފްރީ ވަނީ ނިންމާފަ އެވެ.

މެޗުގައި ބޮނަވަންޓޫރޭ ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެންކައިރިވެފައި ވަނިކޮށެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރެއާލްގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެކަކު ކަމުގައިވާ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކޯޓުއާގެ ގޯލު ފޫއަޅުވާލައިގެންނެވެ. ބްރޫގީން މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގުމުގެ ކުރިން ރެއާލް އަށް ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެގޮތުން ފޯވަޑް ކަރިމް ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މިޑްފީލްޑަރު ޓޯނީ ކްރޫސް ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ދެޓީމަށްވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެގޮތުން ބްރޫގީގެ ޑެނިސް ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު އަރިއޮލާ މަތަކުރިއިރު ރެއާލް އަށް ލިބުނު ފުރުސަތެއްގައި އިދިކޮޅު ޓީމުގެ އޭރިއާ ބޭރުން ކަސެމީރޯ ގޯލަށް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރޫގީގެ ކީޕަރު މީނިއޮލެޓް އެވެ.

ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ޑިފެންޑަރު ސާޖިއޯ ރާމޮސް ވަނީ ލަނޑެއް ޖަހައި ރެއާލް އަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. ރެއާލްގެ ކެޕްޓަން މި ލަނޑު ކާމިޔާބުކުރީ ބެންޒެމާ ނަގައިދިން ހުރަސް ބޮން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މެޗު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިިކޮށް ރެއާލަށް ނަތީޖާ އެއްވަރުކޮށްދިނީ ކަސެމީރޯ އެވެ. ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ދެވަނަ މެޗުން ލަދުވެތިގޮތަކަށް ބަލިވަމުން ދަނިކޮށް ރެއާލް ސަލާމަތްކޮށްދިން ލަނޑު ކަސެމީރޯ ކާމިޔާބުކުރީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ޓޯނީ ކްރޫސް ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިރޭގެ މެޗު އެއްވަރު ވުމުން ރެއާލް ވަނީ ގްރޫޕް އޭގެ ފުލަށް ވެއްޓިފަ އެވެ. ނިމިގެންދިޔަ ހަފްތާގައި ފްރާންސްގެ ޕީއެސްޖީ އަތު އެޓީމު ބަލިވެފައިވުމުން ރެއާލަށް މިވަގުތު ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެއްވަނައިގައި އޮތް ޕީއެސްޖީ މިރޭ ނުކުންނާނީ ތުރުކީގެ ގަލަޓަސަރާއިއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނު

  ތީގައި ވީ އޭ އާރު ކޮށްދިނީ ކޮންކަމެއް. ވީއޭއާރުން ނިންމި ނިންމުން އެއޮތީ ރެއާލް އާ ދެކޮޅަށް ނިމުން ވާހަކަ. ބަޔަކު ދެރަކޮށްލިޔަސް ތިވަރު ފުކެއްބޮޑު

  10
  1
 2. ރާމޯސް

  ލަނޑު ޖެހީ އަހަރެން ވީއޭއާރު އެއްނުން ލަނޑު ޖެހީ..ހަޖަމް ކޮށްލާ ދެން

  5
  1
  • ލޮލް

   ???