ވޯލްޑް ކަޕު ފެށެން ދެމަހަށް ވެފައި ވަނިކޮށް ޖަޕާނުގެ ކޯޗު މަގާމުން ވަކިކޮށްފިއެވެ.

ވާހިދް ހާލިލްހޮދިޗް ޖަޕާނު ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކި ކުރީ ޓީމުގެ ކުޅުން ދަށްވެގެން ދިޔުމާއި ގުޅިގެންނެވެ. ހާލިލްހޮދިޗް ވަކި ކުރަން ނިންމީ ޖަޕާނު ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކޮޒޯ ޓަޝީމާއެވެ.

65 އަހަރުގެ ހާލިލްހޮދިޗް އަކީ ބޮސްނިއާގެ ރައްޔިތެކެވެ. އޭނާ ޖަޕާން ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނީ އޭއެފްސީ ކޮލިފައިން ގުރޫޕުގެ 1ވަނަ ޓީމުގެ ގޮތުގައެވެ. ނަމަވެސް ބޮޑަށް ބެލެވެނީ އޭނާ ގައުމީ ޓީމުން ވަކި ކޮށްފައި ވަނީ މިދިޔަ މަހު އެކުވެރިކަމުގެ މެޗެއްގައި މާލީ އަތުން އެއްވަރުވެ ޔޫކްރޭން އަތުން ބަލިވުމާ ގުޅިގެން ކަމަށެވެ.

ރިޕޯޓުތަށް ބުނާގޮތުގައި ދެން ޖަޕާނު ގައުމީ ޓީމާއި ހަވާލުވުމާއި އެންމެ ގާތީ ޖަޕާނު ފުޓުބޯޅަ އެސޯސިއޭޝަންގެ ޑިރެކްޓަރ އަކިރާ ނިޝީނޯ އެވެ.

ސައުތްހެމްޓަންގެ ޑިފެންޑަރު މާޔާ ޔޮޝީޑާ ބުނާގޮތުން ހާލިލްހޮދިޗް ޓީމުން ވަކި ކުރަން ނިންމި މިނިންމުމަކީ ވަރަށް ހީނުކުރާ ކަހަލަ ނިންމުމެއް ކަމަށެވެ. ނަމަވެސް ޓީމު ދާނީ ކުރިޔަށް ކަމަށާއި ވޯލްޑް ކަޕްގައި ކާމިޔާބު ލިބޭތޯ އެންމެންވެސް މަސައްކަތް ކުރާނެ ކަމަށް ޔޮޝީޑާ ބުންޏެވެ.

" ފުޓުބޯޅައިގައި ވާނެ އެއްޗެއް އެކަކަށް ވެސް ނޭނގޭނެ. އަހަރުމެން ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާ އެއް ނެރުމަށް މަސައްކަތް ކުރާނަން. ހުރިހާވެސް އެއްޗަކީ ނަތީޖާ." ކްޔޯޑޯ ނިއުސް އަށް މައުލޫމާތު ދެމުން ޔޮޝީޑާ ބުންޏެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހު ޖަޕާން ނިކުންނާނީ ކޮލަމްބިޔާ އާއި ދެކޮޅަށެވެ. އަދީ އޭގެ ފަސް ދުވަސް ފަހުން ސެނެގަލްއާ ދެކޮޅަށް ޖަޕާން ނިކުންނައިރު ގްރޫޕުގެ ފަހު މެޗު ޖަޕާނުން ކުޅޭނީ ޖޫން 28 ވަނަ ދުވަހު ޕޮލޭންޑާއި ދެކޮޅަށެވެ.