ބަންގްލަދޭޝްގައި ކުރިއަށްދާ ޝެއިހް ކަމާލް ކްލަބް ކަޕްގައި އިއްޔެ ކުޅުނު މެޗުން ލާއޯސްގެ ޔަންގް އިލެފަންޓް އެފްސީ އަތުން 2-1 އިން ބަލިވެ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުން ކަޓައިފި އެވެ.

އިއްޔެގެ މެޗަށް ނުކުތްއިރު ވެސް ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ޓީސީ އަށް އޮތީ ގެއްލިފަ އެވެ. މުބާރާތުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން 2015 ވަނަ އަހަރުގެ ޗެމްޕިއަން ޗިޓަގޮން އަބަހާނީ އަތުން 4-1 އިން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ އިންޑިއާގެ މޯހަން ބަގާން އަތުން 2-0 އިން ބަލިވެފަ އެވެ.

ޗިޓަގޮންގެ އަޒީޒް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗަށް ޓީސީން ނުކުތީ ކުރީ ދެމެޗާއި އަޅާބަލާއިރު ބަދަލުތަކަކާ އެކު އެވެ. ޒުވާން ދެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު ޔަޒްދާން (ޔަޒޭ) އާއި ނިޝާމް ރަޝީދު (ޕޮގްބާ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިންއިރު، ކުރިން ދެ މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުނު އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) ފެށީ ބެންޗުންނެވެ.

މެޗުގައި އިލެފަންޓުން ލީޑުނެގީ ފުރަތަމަ ހާފުގެ ކުރީކޮޅު އެވެ. 17 ވަނަ މިނިޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބޫންފަޗާން ބޫކޮން އެވެ. ފުރަތަމަ ހާފުގައި ނަތީޖާ އެއްވަރުކުރަން ޓީސީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް އެންމެ ރަނގަޅަށް އެޓީމަށް އޭގެ ބޭނުމެއް ނުކުރެވުނެވެ.

ޓީސީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އެއްގެ ގޮތުން މެޗުގެ 59 ވަނަ މިނިޓްގައި ބޫކޮންގެ ދެވަނަ ލަނޑުން އިލެފަންޓުން ލީޑު ފުޅާކުރި އެވެ. މެޗުގައި ޓީސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ސާމިރު އެވެ.