ބޮޑު މެދުކެނޑުމަކަށްފަހު ދިވެހި ޕްރިމިއާ ލީގު ކުޅުން މިއަދު އަލުން ފެށިއިރު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ އިން ކްލަބް ގްރީން ސްޓްރީޓްސް އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބުކުރީ 6-1ގެ ބޮޑު ތަފާތަކުންނެވެ. މިއަދުގެ މެޗުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވަނީ ހެޓްރިކް ހަދައިފަ އެވެ. މާޒިޔާ މެޗުން މޮޅުވިޔަސް ފުރަތަމަ ލީޑު ނަގައި ކުރިހޯދީ ގްރީން އެވެ. އެގޮތުން ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި މިލަނޑު ގްރީން އަށް ޖަހައިދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މުހައްމަދު ސަލާހުގެ އެހީތެރިކަމާއެކު ދަގަނޑޭ މިލަނޑު ޖެހީ އަބްދުﷲ ހަނީފް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ގްރީން އިން ލީޑު ނަގާފައިވަނިކޮށް މާޒިޔާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ. މި ދެލަނޑު ވެސް އެޓީމަށް ޖަހައިދިނީ ސްޓެވާޓް އެވެ. މިހާފުގެ 26 ވަނަ މިނެޓުގައި ސްޓެވާޓް ފުރަތަމަ ލަނޑު ޖެހީ ގްރީންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. ފުރަތަމަ ހާފް ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސްޓެވާޓްގެ ދެ ވަނަ ލަނޑުން މާޒިޔާއިން ލީޑުނެގީ އަރިމަތިން މުޖުތާޒް މުހައްމަދު ނަގައިދިން ހުރަހެއް ހުސްކޮށް ހުރެ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ ދެ ވަނަ ހާފް ފަށައިގެން ފަސް ވަނަ މިނެޓުގައި ނަތީޖާ އެއްވަރު ކުރަން ގްރީން އަށް ލިބުނު ޕެނަލްޓީއެއްގައި ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. މިއީ ސަލާހަށް މާޒިޔާގެ ގޯލްކީޕަރު އަޒީޒީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ގްރީން އިން އެޓީމަށް ލިބުނު ފުރުސަތުތައް ބޭކާރު ކުރި އިރު މާޒިޔާ އިން ވަނީ ދެވަނަ ހާފުގެ ފަހު ތިރީސް މިނެޓުގައި މޮޅަށް ކުޅެ ގްރީން ކޮޅަށް ހަތަރު ލަނޑު ޖަހައިފަ އެވެ. މާޒިޔާގެ ތިން ވަނަ ލަނޑު 61 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭރިޔާ ތެރޭގައި ހުރެފައި ހަމްޕު ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. އޭގެ ތިން މިނެޓު ފަހުން މާޒިޔާގެ ހަތަރު ވަނަ ލަނޑު އަސަދުﷲ އަބްދުﷲ ޖެހީ ގްރީންގެ އޭރިއާ އަރިމަތިން ހަމްޕު ނަގައިދިން ހުރަހަކުންނެވެ.

މާޒިޔާގެ ފަސް ވަނަ ލަނޑު 67 ވަނަ މިނެޓުގައި ޖަހައި ސްޓެވާޓް ހެޓްރިކް ހެދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް ވަހީދު ހަސަން (އިއްބެ) ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އިއްބެ ނަގައިދިން ހުރަސް ކޮންޓްރޯލް ކުރުމަށް ފަހު ސްޓެވާޓް ގޯލަށް ފޮނުވާލީ ކައިރީގައި ހުރި ގްރީން ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށްފަހު އެވެ.

މާޒިޔާގެ ފަހު ލަނޑު މެޗު 85 ވަނަ މިނެޓުގައި މޫސާ ޔާމިންގެ އެހީތެރިކަމާއެކު އިއްބެ ވަހީދު ޖެހީ ގްރީންގެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ސްޓެވާޓް އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ފ. ނިލަންދޫ ސްޕޯޓްސް ކްލަބް އެވެ. މިރޭގެ މެޗު ފަށާނީ 21:00ގަ އެވެ.

މިއަދުގެ މޮޅާއެކު މާޒިޔާ އަށް ވަނީ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެޓީމަށް 32 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ކްލަބް އީގަލްސް އަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. މިއަދުގެ މެޗުން ބަލިވި ގްރީން ސްޓްރީޓްސް ތިން ވަނައިގައި އޮތީ 12 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެވެ.