މުހައްމަދު ޝާޒްލީ (ޝާޒް)ގެ ކޯޗުކަމުގައި ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު ފ. ނިލަންދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް ކާމިޔާބުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ނިލަންދޫ ސްޕޯޓްސް ކްލަބުގެ މައްޗަށް ޓީސީ އިން ކުރިހޯދީ 4-0 އިންނެވެ. މި މޮޅާއެކު ޓީސީ ވަނީ 10 މެޗުން 19 ޕޮއިންޓް ހަމަކޮށް ތިންވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއާ ޕޮއިންޓަކަށް ފަރަގު ކުޑަކޮށްފަ އެވެ.

ރޭގެ މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. ޓީސީގެ އައިސަމް އިބްރާހީމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސައްޓު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިލަންދޫގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ޓީސީން ލީޑު ފުޅާކުރީ 32 ވަނަ މިނެޓުގައި އިސްމާއީލް އީސާ (މެސީ) ޖެހި ލަނޑުންނެވެ. މެސީ މި ލަނޑު ޖެހީ ނިލަންދޫ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޓީސީގެ ލީޑު ފުޅާކޮށްދިނީ ވެސް މެސީ އެވެ. މެސީގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މުހައްމަދު އައްޒާމް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ނިލަންދޫ ގޯލްކީޕަރުގެ ބޯ މަތިން ބޯޅަ ފޮނުވާލައިގެންނެވެ. މެސީ މި ލަނޑު ޖެހި ވަގުތު ނިލަންދޫގެ ކުޅުންތެރިން ވަނީ އެއީ އޮފްސައިޑަށް ލަނޑެއް ކަމަށް ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ.

ޓީސީގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޖެހީ ސައްޓު އެވެ. ސައްޓު މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑު ޖެހީ އަބްދުލްވާހިދު (ވާޑު)ގެ އެހީތެރިކަމާއެކު ނިލަންދޫގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅު ކުޅުމެއް ދެއްކި ސައްޓު އެވެ.

މި މެޗަކީ ޓީސީގެ ކޯޗުކަމާ މުހައްމަދު ޝާޒްލީ ހަވާލުވި ފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ޝާޒް ޓީސީގެ ކޯޗުކަމާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހު ޓީސީއާ ގުޅުނު މުހައްމަދު އާތިފް (އާތީ) މަގާމުން އިސްތިއުފާ ދިނުމުންނެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއި ށ. ފޯކައިދޫ ފުޓްބޯލް ކްލަބެވެ. މި މެޗު ފަށާނީ ހަވީރު 15:50ގަ އެވެ.