ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގައި ރޭ ތާވަލުގެ އެއް ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް ޕޮލިސް ކްލަބުން ކުރިހޯދައިފި އެވެ.

ރޭގެ މެޗަކީ މި ފަހަރުގެ މުބާރާތުގައި ސިފައިން ބަލިވި ފުރަތަމަ ފަހަރެވެ. ޕޮލިސް އަތުން ބަލިވި ނަމަވެސް ސިފައިން އޮތީ އަދިވެސް އެއް ވަނައިގައި އެވެ. ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ރޭ ނިމިފައިވާއިރު، އެއް ވަނައިގައި އޮތް ސިފައިންނާއި ދެ ވަނައިިގައި އޮތް ޕޮލިހާއި ތިން ވަނައިގައި އޮތް ގުޑީސް ސްޕޯޓްސް ކްލަބަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ޓީމު ރޭންކު ކޮށްފައިވަނީ ކާމިޔާބުކޮށްފައިވާ ސެޓުގެ ތަފާތަށް ބަލައިގެންނެވެ. ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދާފައިވާ ސްޕޯޓްސް ކްލަބް ސިޓީ އެވެ.

ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ ސްޕޯޓްސް ކްލަބް ހޯކްސް ވަނީ މުބާރާތުން ކަޓައިފަ އެވެ. ލީގުގެ ދެ ވަނަ ބުރު ފަށާނީ މާދަމާ އެވެ. މާދަމާ ދެ މެޗެއް ކުޅޭނެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ސިފައިންގެ މައްޗަށް ޕޮލިހުން ކުރިހޯދީ ފަހަތުން އަރައި ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-22، 20-25، 18-25 އަދި 21-25 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ގިނަ ވަގުތު ލީޑުގައި އޮތީ ޕޮލިހުންނެވެ. ނަމަވެސް ސެޓުގެ ފަހު ކޮޅު ސިފައިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު ޕާކިސްތާނު ކުޅުންތެރިޔާ މުބާޝަރު ރާޒާގެ މޮޅު ކުޅުމާއެކު ސިފައިން ވަނީ 21-20 އިން ލީޑު ނަގައިފަ އެވެ. އަދި އޭގެ ފަހުން ޕޮލިހަށް ފުރުސަތެއް ނުދީ ސިފައިން ފުރަތަމަ ސެޓު 25-22 އިން ގެންދިޔަ އެވެ.

ދެ ވަނަ ސެޓު ފެށިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި ސެޓުގައި ސިފައިން ޓީމުގެ ސާވިސްތައް ނުބައިވުމުގެ ސަބަބުން ޕޮލިހުން ވަނީ އޭގެ ފައިދާ ނަގައި 20-25 އިން ސެޓު ގެންގޮސް މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ތިން ވަނަ އަދި ހަތަރު ވަނަ ސެޓުގައި ވެސް ޕޮލިހުންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު ފަހު ދެ ސެޓު އެ ޓީމުުން ގެންދިޔައީ 18-25 އަދި 25-21 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު