ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލަންޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާ އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 34 އަހަރުގެ މިލްނާ އަށް އަނިޔާވީ އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އެވަޓަން އާއި ދެކޮޅަށް އެންފީލްޑުގައި ރޭ ކުޅުނު މެޗުގަ އެވެ. ލިވަޕޫލްގެ ފަހަތުން ލެފްޓް ބެކް ޕޮޒިޝަންގައި ރޭގެ މެޗު ފެށި މިލްނާ އަށް އަނިޔާވީ މެޗުގެ ކުރީކޮޅު އެވަޓަން އިން އުފެއްދި ހަމަލާއެއްގައި ތިއޯ ވޮލްކޮޓް ފޮނުވާލި ހަމަލާއެއް ބްލޮކް ކުރަން އުޅުމުގެ ތެރޭގަ އެވެ. އަނިޔާވުމުގެ ސަބަބުން މިލްނާ ދަނޑުން ބޭލި އިރު އޭނާގެ ބަދަލުގައި ކުޅެން އެރީ 19 އަހަރުގެ ކުޅުންތެރިއާ ޔަސާ ލަރޫޗީ އެވެ.

މިލްނާ އަށް އަނިޔާވުމުގެ ސަބަބުން މިވަގުތު ލިވަޕޫލް ސްކޮޑުގައި ފިޓްކޮށް ހުރި ހަމައެކަނި ލެފްޓް ބެކަކީ އެންޑްރޫ ރޮބަޓްސަން އެވެ. ފަހަކަށް އައިސް ލިވަޕޫލަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ އިރު މިލްނާ ލައިގެން އެޓީމުގެ ހަތް ކުޅުންތެރިއަކު ހުރީ މިވަގުތު ކުޅުމާއި ދުރުގަ އެވެ. އޭގެ ތެރޭގައި ފަބީނިއޯ، ނަބީ ކެއިޓާ، ޒަރްދާން ޝަގީރީ، ނަތާނިއަލް ކްލައިން އާއި ޑެޖަން ލޮވްރެންގެ އިތުރުން ޖޯއެލް މަޓިޕް ހިމެނެ އެވެ.

"މިލްނާގެ ފަލަ މަސްގަނޑަށް އަނިޔާވެފައި ހުރީ. އެހެންކަމުން ޙާލަތު އެހާ ރަނގަޅެއް ނޫން. އަހަރެމެންނަށް ލިބުނު ބޮޑު ގެއްލުމެއް މިއީ. އަހަރެން ހުރީ މީގެ ކުރީ މެޗަށް މިލްނާ ނާރުވަން. އެކަމަކު ކެއިޓާ އަށް ނުކުޅެވޭތީ އެ މެޗުގައި ވެސް މިލްނާ އަރަން ޖެހުނީ. އަނެއްކާ ރޭގެ މެޗު ވެސް ފަށައި މިހާރު އަނިޔާވެފަ އެހެރީ. މިކަން ބަދަލު ކުރެވެން ނެތް. އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް މިލްނާ އަކީ" ނޫސްވެރިންނަށް މައުލޫމާތު ދެމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.

އެފްއޭ ކަޕްގައި ރޭ އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށް ލިވަޕޫލުން ވަނީ މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.