ބާސެލޯނާ ބަލިކޮށް ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފި އެވެ.

ސައުދި އަރަބިއާގެ ޖިއްދާގައި މިރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗު އެތްލެޓިކޯ މެޑްރިޑުން ކާމިޔާބުކުރީ 3-2 އިންނެވެ. މި ނަތީޖާއާއެކު އަންނަ އާދިއްތަދުވަހު ކުޅޭ ފައިނަލް މެޗުގައި އެތްލެޓިކޯ ބައްދަލުކުރާނީ ސެމީގެ ފުރަތަމަ މެޗުގައި ވެލެންސިއާގެ މައްޗަށް ކުރިހޯދި ރެއާލް މެޑްރިޑާ އެވެ.

މިރޭ ބާސާ އާއި އެތްލެޓިކޯ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް އެތްލެޓިކޯ އިންނެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް އެންހެލް ކޯރެއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ކޯކޭ އެވެ. ބާސާ އިން ނަތީޖާ ހަމަހަމަ ކުރީ 51 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ދިން ބޯޅައެއްގައި ކެޕްޓަން ލިއޮނެލް މެސީ ޖެހި ލަނޑުންނެވެ.

އޭގެ އިރުކޮޅެއް ފަހުން މެސީ ދެ ވަނަ ފަހަރަށް އެތްލެޓިކޯގެ ގޯލު ފޫއަޅުވާލި ނަމަވެސް ވީއޭއާރުގެ އެހީ ހޯދުމަށްފަހު، މެސީ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ރެފްރީ ވަނީ އެ ލަނޑު ބާތިލް ކޮށްފަ އެވެ.

ބާސާ އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 62 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ބޮލުން ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަހުން ޖެރާޑް ޕީކޭ ބޮލުން އިދިކޮޅު ގޯލު ތެރެއަށް ވައްދާލި ބޯޅަ ރެފްރީ ބާތިލް ކުރީ ވީއޭއާރު ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމުމަށްފަހު އެވެ. އެތްލެޓިކޯ އަށް އުއްމީދު އާ ވެގެންދިޔައީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުން މޮރާޓާ މެޗުގެ ނަތީޖާ އެއްވަރު ކުރުމުންނެވެ.

މިއީ ކީޕަރު ނެޓޯ އެތްލެޓިކޯގެ ވިޓޯލޯ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ އިރުކޮޅެއް ފަހުން އެތްލެޓިކޯ އިން އުފެއްދި ހަމަލާއެއްގައި ބާސާގެ އޭރިއާ ތެރެއިން ޕީކޭގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ އެތްލެޓިކޯ ކުޅުންތެރިން މައްސަލަ ޖެއްސި ނަމަވެސް ވީއޭއާރުން ނިންމީ އެއީ ޕެނަލްޓީ އެއް ނޫން ކަމަށެވެ.

އެތްލެޓިކޯ އިން މެޗުގެ ނަތީޖާ އަނބުރާލީ ކައުންޓާ ހަމަލާއެއްގައި މޮރާޓާގެ އެހީތެރިކަމާއެކު 86 ވަނަ މިނެޓުގައި ކޯރެއާ ޖެހި ލަނޑުންނެވެ.