އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕަލަސް އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ގަދަ ހަތަރަކަށް އެރުމަށް އާސެނަލުން ކުރަމުން އަންނަ މަސަތްކަތަށް އަނެއްކާވެސް ހުރަސްތަކެއް އެޅިއްޖެ އެވެ.

ކްރިސްޓަލް ޕަލަސްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މި ނަތީޖާއާއެކު ޕަލަސް ވަނީ 29 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. އާސެނަލް އޮތީ 28 ޕޮއިންޓާއެކު ދިހަ ވަނައިގަ އެވެ.

ސެލްހަސްޓް ޕާކުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ އާސެނަލް އިންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެލެކްޒާންޑާ ލަކަޒަޓް އާއި މެސުޓް އޮޒިލްގެ ބައިވެރިވުމާއެކު އާސެނަލުން އުފެއްދި ހަމަލާއެއްގައި މި ލަނޑު ޖެހީ ޕިއެރޭ އެމެރިކް އޮބަމެޔާންގް އެވެ. މިއީ ގެބޮން ފޯވަޑް މި ސީޒަނުގައި ކާމިޔާބުކުރި 14 ވަނަ ލީގު ލަނޑެވެ.

ޕަލަސް އިން ނަތީޖާ އެއްވަރުކުރީ 54 ވަނަ މިނެޓުގައި ޖޯޑަން އަޔޫ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ކުރިން ލީޑު ފުޅާކުރަން އާސެނަލް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ޑިފެންޑަރު ޑޭވިޑް ލުއިޒް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

އާސެނަލް އަށް އިތުރު ނުތަނަވަސްކަމަކާއި ކުރިމަތިވީ ޕަލަސްގެ ފޯވަޑް މެކްސް މެޔާ އަށް ކުރި ފައުލެއްގެ ސަބަބުން އޮބަމެޔާންގް އަށް 67 ވަނަ މިނެޓުގައި ރެފްރީ ޕައުލް ޓިއާނީ ރަތް ކާޑު ދެއްކުމުންނެވެ. އޮބާމެޔާންގް ކުރި ފައުލަށް ރެފްރީ އެންމެ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީއޭއާރުގެ އެހީ ހޯދުމަށްފަހު އޭނާ ވަނީ ނިންމުން ބަދަލުކޮށް ގެބޮން ކުޅުންތެރިއާ ދަނޑުން ފޮނުވާލާފަ އެވެ.

މެޗުގެ ފަހު ވިއްސަކަށް މިނެޓު ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އާސެނަލް އަށް މެޗު ނިމެން ކައިރި ވެފައި ވަނިކޮށް، ދެ ވަނަ ފަހަރަށް ލީޑު ނަގަން ފުރުސަތެއް ލިބުނު ނަމަވެސް ނިކޮލަސް ޕެޕޭ ފޮނުވާލި ހަމަލާ ޕަލަސްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. އަނެއްކޮޅުން ޕަލަސްގެ ޖޭމްސް ޓޮމްކިންސް ބޮލުން ފޮނުވާލި ހަމަލާ ގޯލް ލައިން މަތިންހެން ޑިފެންޑަރު ސޮކްރަޓިސް ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗު އެއްވަރު ވުމުން ޕަލަސް އިން ވަނީ އާސެނަލް އާއި ދެކޮޅަށް އެޓީމު އެންމެ ފަހުން ކުޅުނު ހަތަރު ލީގު މެޗު ވެސް ބަލިނުވެ ނިންމައިލައިފަ އެވެ. އާސެނަލް އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު ޝެފީލް ޔުނައިޓެޑާ ދެކޮޅަށް އެމިރޭޓްސްގައި ކުޅޭ މެޗެވެ. ޕަލަސް ނުކުންނާނީ އެތިހާދުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.