ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފި އެވެ.

މާޒިޔާ އިން ލީގު ކާމިޔާބުކުރީ ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ކުޅުނު މެޗު 5-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ބާކީ ތިން މެޗު އޮއްވާ މާޒިޔާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރި އިރު މިއީ އެ ކްލަބުން ދިވެހި ލީގު ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އަލީ ސުޒެއިންގެ އިރުޝާދުގެ އެ ޓީމުން ވަނީ 2016 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

2016 ވަނަ އަހަރު މާޒިޔާ އަށް ލީގު ހޯދައިދިން ކޯޗު ސުޒޭން މިހާރު ކޯޗުކޮށްދޭ ގްރީން ސްޓްރީޓްސް ކޮޅަށް ރޭ މާޒިޔާ އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު)ގެ ފަރާތުން ތަނަވަސްވި ފުރުސަތެއްގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އޭގެ ހަތަރު މިނެޓު ފަހުން ލިބުނު ހިލޭ ޖެހުމަކުން ގްރީނަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް މުހައްމަދު އުމައިރު ފޮނުވާލި ހަމަލާ އަމާޒުވީ މާޒިޔާގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކުރަން މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) ފޮނުވާލި ދެ ހަމަލާ ވެސް ގްރީންގެ ކީޕަރު އަލީފް ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު 1-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެ ނިމުނު އިރު އެޓީމުން ލީޑު ފުޅާކުރީ ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ފޭދޫ އިއްބެ ވައްދާލި ލަނޑުންނެވެ. އިއްބެ މި ލަނޑު ޖެހީ ކޯނެލިއަސް ސްޓެވާޓް ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ 49 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއެއްގައި ގްރީންގެ ކެޕްޓަން އަލްސަޔެދް މަހްމޫދް އެ ޓީމަށް ފަރަގު ކުޑަކޮށްދިން ނަމަވެސް މާޒިޔާ އިން ވަނީ މެޗުގެ 73 ވަނަ މިނެޓުގައި އަލުން ލީޑު ފުޅާކޮށްފައެވެ. ހަމްޕު ތަނަވަސްކޮށްދިން ފުރުސަތެއްގައި އިދިކޮޅު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމްއެވެ.

މާޒިޔާގެ ހަތަރުވަނަ އަދި ފަސް ވަނަ ލަނޑު ވެސް ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަމްޕު އެވެ. ހަމްޕުގެ ފުރަތަމަ ލަނޑު ހަސަން ޝިފާޒް ދިން ބޯޅައަކުން ޖެހި އިރު ފަހު ލަނޑު ޖެހީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ކޯނެލިއަސް ސްޓެވާޓް ދިން ބޯޅައަކުންނެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ދެވަނައިގައި އޮތް ކްލަބު އީގަލްސްއާ ދެމެދުގައިވާ ފަރަގު ވަނީ 14 ޕޮއިންޓަށް ބޮޑުވެފަ އެވެ. އެއްވަނައިގައި އޮތް މާޒިޔާ އަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާ އިރު، އީގަލްސް އަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 17 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.