ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެއްޖެއެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗުން ބާސެލޯނާ ބަލިވީ 0-2 އިންނެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން ވެލެންސިއާ އިން ލީގު މެޗެއްގައި ބާސެލޯނާގެ މައްޗަށް ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ. މި ދެޓީމު އެންމެ ފަހުން ވާދަކުރީ މިދިޔަ ސީޒަނުގެ ކޮޕާ ޑެލްރޭ ފައިނަލުގައެވެ. އެފަހަރު 2-1 އިން ބާސާ ބަލިކޮށް ވެލެންސިއާ ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.

ރޭގެ ބައްޔަކީ ބާސެލޯނާގެ ކޯޗުކަމާއި ކުއިކޭ ސެޓިއެން ހަވާލުވިފަހުން އެޓީމް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ސެޓިއެންގެ އިރުޝާދުގެ ދަށުން ބާސާ އެންމެ ފުރަތަމަ ކުޅުނު ދެ މެޗުގައި އެ ޓީމުން ވަނީ ގްރަނާޑާ އާއި ސްޕެއިންގެ ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބެއް ކަމުގައިވާ އިބީޒާ ބަލިކޮށްފައެވެ.

ލަލީގާގައި ރޭ ބާސާ ކޮޅަށް ވެލެންސިއާ އިން ޖެހި ދެ ލަނޑު ވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގަ އެވެ. ވެލެންސިއާ އިން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރު ޖޯޑީ އަލްބާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ފަހުން ވެލެންސިއާ އަށް ލީޑު ފުޅާކޮށްދިން ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުރުގުއޭ ފޯވަޑް މެގްޒިމިލިއާނޯ ގޯމޭޒް ގޮންޒަލޭޒް އެވެ.

މެޗު ނިމެން ގާތްވެފައި ވަނިކޮށް ވެލަންސިއާ އިން އިތުރު ލަނޑެއް ޖެހުމާއި ގާތަށް ދިޔައެވެ. އެގޮތުން ޑިފެންޑަރު ގެބްރިއެލް ޕައުލިސްޓާ ބާސާގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ އެ ލަނޑު ބާތިލް ކުރީ ލަނޑު ޖެހުމުގެ ކުރިން ވެލެންސިއާގެ ކުޅުންތެރިއަކު ފައުލް ކޮށްފައިވާ ކަމަށް ބުނެއެވެ.

މި މެޗުގެ ކުރީކޮޅު ވެލެންސިއާ އަށް ކުރި ހޯދައިދޭން ރަނުގެ ފުރުސަތެއް ލިބުނެވެ. އެގޮތުން ވެލެންސިއާގެ ހޯސޭ ގާޔާ އަށް ޖެރާޑް ޕީކޭ ކުރި ފައުލެއްގެ ސަބަބުން ރެފްރީ ދިން ޕެނަލްޓީގައި ގޯމޭޒް ފޮނުވާލި ބޯޅަ ކީޕަރު ޓާ ސްޓެގަން ވަނީ މަތަކޮށްފަ އެވެ. މިއީ ލީގު މެޗެއްގައި ޓާ ސްޓެގަން ކުރިމަތިލި ހަތް ޕެނަލްޓީ ތެރެއިން އޭނާ މަތަކުރި ފުރަތަމަ ޕެނަލްޓީއެވެ.

އަނެއްކޮޅުން މެޗުގައި ވެލެންސިއާގެ ގޯލު ފޫއަޅުވާލަން ބާސާ އަށްވެސް ހުސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޒުވާން ފޯވާޑް އަންސޫ ފާޓީ ދެވަނަ ހާފުގައި ވެލެންސިއާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލްކީޕަރު މަތަކުރިއިރު އޭގެ ފަހުން ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ދެ ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ރޭގެ މެޗުން ބަލިވުމުން އެއް ވަނައިގައި ލީޑު ފުޅާކުރުމުގެ ފުރުސަތު ބާސެލޯނާ އަށް ވަނީ ގެއްލިފަ އެވެ. 21 މެޗުން ހޯދި 43 ޕޮއިންޓާއެކު މިވަގުތު އެ ޓީމު ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް މިރޭ ރެއާލް ވަލަޑޮލިޑް ބަލިކޮށްގެން އެއް ވަނަ މަގާމަށް އެރުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް އެބައޮތެވެ. 20 މެޗުން 43 ޕޮއިންޓް ހަމަކޮށްފައިވާ ރެއާލް ދެވަނައިގައި ލަނޑުގެ ތަފާތުން ބާސާ އަށް ކުރި ލިބޭތީއެވެ.