މެޑްރިޑް ޑާބީގައި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ހަނި މޮޅެއް ހޯދައި ރެއާލް މެޑްރިޑުން ސްޕެނިޝް ލީގް ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 އިންނެވެ. މި ސީޒަނުގައި މި ދެޓީމު މިހާތަނަށް ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު މީގެ ކުރިން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ރެއާލް ލަލީގާ ތާވަލުގެ އެންމެ ކުރީގައި އޮތީ 22 މެޗުން ހޯދި 49 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ ޗެމްޕިއަން ބާސެލޯނާ އެވެ. ބާސާ އަށް ލިބިފައިވަނީ 21 މެޗުން 43 ޕޮއިންޓެވެ. ލީގުގައި މިރޭ ލެވަންޓޭއާ ދެކޮޅަށް ކުޅޭ މެޗުން ބާސާ މޮޅުވެއްޖެނަމަ ފަރަގު ތިން ޕޮއިންޓަށް އަލުން ކުޑަވެގެންދާނެ އެވެ.

ސެންޓިއާގޯ ބާނެބެއުގައި ރޭ ރެއާލް އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ގިނަ ވަގުތުގައި ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ގޯލަށް ބޮޑަށް ނުރައްކާ ކުރީ އެތުލެޓިކޯ އިންނެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ލީޑު ނަގަން ރެއާލް އަށް ހުސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ކެޕްޓަން ސާޖިއޯ ރާމޮސް ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އެތްލެޓިކޯގެ ފަރާތުން ރެއާލްގެ ގޯލަށް އަމާޒުވި ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 18 ވަނަ މިނެޓުގައި ވިޓޯލޯ އެވެ. އަލްވާރޯ މޮރާޓާގެ އެހީތެރިކަމާއެކު ވިޓޯލޯ ފޮނުވާލި މި ބޯޅައިން ރެއާލް ސަލާމަތްކޮށްދިނީ ކީޕަރު ކޯޓުއާ އެވެ. އޭގެ ފަހުން އެތްލެޓިކޯގެ އެންހެލް ކޮރެއާ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި މާއެދެވޭ ކުޅުމެއް ނުދެއްކުމުގެ ސަބަބުން ޒައިނިދީން ޒިދާންގެ ޓީމުން ދެ ވަަނަ ހާފާއި ކުރިމަތިލީ ދެ ބަދަލާ އެކު އެވެ. ޓޯނީ ކްރޫޒްގެ ބަދަލުގައި ވިނީޝިއަސް ޖޫނިއާ ކުޅެން އެރި އިރު އިސްކޯގެ ބަދަލުގައި އެރީ ލޫކަސް ވަޒްކޭޒް އެވެ. ރެއާލުން ގެނައި ބަަލުތަކާއެކު އެޓީމުގެ ކުޅުން މި ހާފުގައި ވަރަށް ބޮޑުތަން ރަނގަޅު ވެގެންދިޔަ އިރު 56 ވަނަ މިނެޓުގައި ފާލަންޑް މެންޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަރިމް ބެންޒެމާ ކާމިޔާބުކުރި ލަނޑުން އެޓީމުން ލީޑު ނެގި އެވެ. މިއީ އަމިއްލަ ދަނޑުގައި، އެތުލެޓިކޯއާ ދެކޮޅަށް ބެންޒެމާ މިހާތަނަށް ކުޅުނު 16 މެޗުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

ލީޑު ފުޅާކުރަން ދެވަނަ ހާފުގެ ފަހު ކޮޅު ވިނީޝިއަސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފައެވެ.

މި މޮޅާއެކު ރެއާލުން ވަނީ ލީގުގައި ބަލިނުވެ 13 މެޗު ހަމަކޮށްފައެވެ. ރެއާލް އަށް ދެން ކުރިއަށް އޮތީ ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލްގައި ރެއާލް ސޮސިއެޑާޑުގެ މައްޗަށް އަންނަ ބުރާސްފަތި ދުވަހު ކުޅެން އޮތް މެޗެވެ. ލީގު މެޗެއްގައި އަންނަ ހޮނިހިރު ދުވަހު އެތްލެޓިކޯ މެޑްރިޑް ނުކުންނާނީ ގްރަނާޑާއާ ދެކޮޅަށެވެ.