ފަހުވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ގޯލުން ރޭ، ސްޕެނިޝް ލީގުގައި އެތްލެޓިކް ބިލްބާއޯ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މެޗު އެއްވަރުވުމުން ލީގުގެ ތިންވަނައިގައި ރެއާލް އޮތީ 68 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 71 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު އެއްވަނައިގައި 83 ޕޮއިންޓާ އެކު ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި އިނާކީ ވިލިއަމްސް ވަނީ ބިލްބާއޯ އަށް ލީޑު ނަގާދީފައެވެ. ނަތީޖާ އެއްވަރުކުރުމަށް ރެއާލް އިން މި ހާފުގައި ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު ބިލްބާއޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އެޓީމުން ވަނީ މި ހާފުގައި ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތަށް ދިފާއުކުރުމުގައި ބިލްބާއޯގެ ޒުވާން ގޯލްކީޕަރު ކެޕާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ބިލްބާއޯ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ލީޑު ފުޅާކޮށްލަން އެޓީމުގެ ރައުލް ގާސިއާ އަށް ވަނީ ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ގާސިއާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ދެވަނަ ހާފްގައި ބިލްބާއޯ އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުއިރު ރެއާލް އިން ބިލްބާއޯގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މެޗުން ރެއާލް ބަލިނުވެ ސަލާމަތްކޮށްދިން ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މި ސީޒަނުގައި ރޮނާލްޑޯ ރެއާލް އަށް ކާމިޔާބުކޮށްދިން 42 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

ސްޕެނިޝް ލީގު ދިފާއުކުރުމުގެ ފުރުސަތު ރެއާލް އަށް ގާތްގަނޑަކަށް ގެއްލިފައިވާއިރު މި ސީޒަނުގައި އެޓީމަށް ކާމިޔާބުކުރެވެން އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ރެއާލް ދަތުރުކޮށްފައިވާއިރު ސެމީގައި އެޓީމު ނިކުންނާނީ ބަޔާން މިއުނިކާ ދެކޮޅަށެވެ.

ރެއާލް އަކީ ފާއިތުވި ދެ އަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމެވެ.