ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަ ކޮންޓިނެންޓަލް ޔޫތު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް 13 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ދުބާއީ އަށް މިއަދު ފުރައިފިއެވެ.
"ވިޒިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް" ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް 19 ކުޅުންތެރިންނާއި ހަތަރު އޮފިޝަލުން ވަނީ ދުބާއީ އަށް ފުރައިފައެވެ.
މި މުބާރާތަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުލަބުތައް ކަމަށްވާ ބާސެލޯނާ، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، އިންޓަ މިލާން، ޕޯޓޯ އަދި އާސެނަލް ފަދަ ކުލަބުތަކުގެ ރަސްމީ އެކެޑެމީ ޓީމުތައް ބައިވެރިވާ މުބާރާތެކެވެ.
އެގޮތުން ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ އާސެނަލް އެފްސީ (އިންގްލެންޑް)، އަލް ފަތަހް އެފްސީ (ސައުދީ އަރަބިއްޔާ) އަދި އެފްއެފް އޭ (ޔޫއޭއީ) ގެ އެކަޑަމީގެ ޓީމުތަކެވެ.
އިންޓަ ކޮންޓިނެންޓަލް ޔޫތު މުބާރާތުގައި 13 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރަނީ
އަންނަ ބުރާސްފަތި ދުވަހު ޔޫއޭއީ ގަޑިން 11:30 ރާއްޖެ ބައްދަލު ކުރާނީ ޔޫއޭއީގެ އެކަޑަމީ ޓީމާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ޔޫއޭއީ ގަޑިން 19:00 ގައި ރާއްޖެ އިން ނިކުންނާނީ ފަތަހް އެފްސީއާ ދެކޮޅަށެވެ. އަދި ހުކުރު ދުވަހު ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.
އެއިޓް އަ ސައިޑަށް ކުޅޭ މި މުބާރާތުގެ ޑިރެކްޓަރެއްގެ ގޮތުގައި މިޝެލް ސަލްގާޑޯ މަސަތްކަތް ކުރާއިރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ބައިވެރިވާނެއެވެ.
ފެބްރުއަރީ މަހުގެ 13 އިން 15 އަށް ދުބާއީގެ ސްޕޯޓްސް ސިޓީގައި ކުރިއަށްދާ މި މުބާރާތަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރަނީ ޔޫތު މިނިސްޓްރީންނެވެ.
ފުޓުބޯޅަ އިސް އެވްރިތިން ފޯރ މޯލްޑިވްސް..... ނަތިން އެލްސް