ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އިޓަލީގެ އެޓަލަންޓާ އިން ސްޕެއިންގެ ވެލެންސިއާ ބަލިކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ އެޓަލަންޓާ އިން ވެލެންސިއާގެ މައްޗަށް ކުރިހޯދީ 4-1 އިންނެވެ. މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެޓަލަންޓާ އަށް ވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ. އެޓީމުން މި މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދީ މެންޗެސްޓާ ސިޓީގެ ފަހަތުން ގްރޫޕް ސީގެ ދެވަނަ ހޯދައިގެންނެވެ. އަނެއްކޮޅުން ވެލެންސިއާ ދެވަނަ ބުރަށް ކޮލިފައިވީ ޗެލްސީ އަދި އަޔެކްސް ހިމެނުނު ވާދަވެރި ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އިޓަލީގެ ސްޓޭޑިއޯ ގުއިސެއްޕެ މީޒާގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާ ކޮޅަށް އެޓަލަންޓާ އިން ޖެހި ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އަލްޖަންދްރޯ ގޯމެޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މިޑްފީލްޑަރު ހަންސް ހަޓެބޮޔާ އެވެ. އޭގެ ފަހުން މާރިއޯ ޕަސަލިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޮސިޕް އިލިސިޗް ވަނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވެލެންސިއާގެ ގޯލު ފޫއަޅުވާލައި އެޓަލަންޓާގެ ލީޑު ފުޅާކޮށްފައެވެ. މި ހާފުގައި ލަނޑު ޖަހަން ވެލެންސިއާ އަށް ވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ފެރަން ޓޮރެޒް ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު ގޯލު ކުރިމަތިން ލިބުނު ހުސް ފުރުސަތެއްގައި ފޯވަޑް ގޮންކާލޯ ގުއިޑެސް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އެޓަލަންޓާގެ ތިންވަނަ ގޯލު 57 ވަނަ މިނެޓުގައި ރެމޯ ފްރޫލާ ޖެހި އިރު 62 ވަނަ މިނެޓުގައި އެޓީމުގެ ހަތަރު ވަނަ ގޯލު ކާމިޔާބުކުރީ ފުރަތަމަ ލަނޑު ވެސް ޖެހި ހަންސް ހަޓެބޮޔާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ވެލެންސިއާ އަށް ސުންކަނޑުވައިދިނީ ޑެނިސް ޗެރިޝޭވް އެވެ. ފަރަގު ކުޑަ ކުރަން ވެލެންސިއާގެ ފޯވަޑް މެގްޒިމިލިއާނޯ ގޯމެޒް އަށް މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

އެޓަލަންޓާ އާއި ވެލެންސިއާ ބައްދަލުކުރާ ދެވަނަ ލެގު މެޗު ކުޅުމަަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.