އެސްޓަން ވިލާ ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

ލީގު ކަޕްގެ ފައިނަލުގައި ރޭ އެސްޓަން ވިލާގެ މައްޗަށް ސިޓީން ކުރިހޯދީ 2-1 އިންނެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗަށް ސިޓީން ނެރުނު ފުރަތަމަ އެގާރަ އަށް ކޯޗު ގާޑިއޯލާ ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެޓީމު އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ރެއާލް މެޑްރިޑާ ވާދަކުރި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ގިނަ ކުޅުންތެރިން ރޭ ފެނިގެންދިޔައީ ސިޓީގެ ބެންޗުންނެވެ. މިޑްފީލްޑަރު ކެވިން ޑެބްރައިން އާއި ލެފްޓް ބެކް ބެންޖަމިން މެންޑީގެ އިތުރުން ގޯލްކީޕަރު އެޑަސަން ބެންޗުގައި އިން އިރު ރަހީމް ސްޓާލިން އާއި ސާޖިއޯ އަގުއެރޯގެ އިތުރުން ޑޭވިޑް ސިލްވާ އަށް ގާޑިއޯލާ ވަނީ އަލުން ޓީމުން ފުރުސަތު ދީފައެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ތިން ގޯލު ވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ގޯލު 20 ވަނަ މިނެޓުގައި ފިލް ފޮޑެން ދިން ޕާހަކުން ޖެހީ ސާޖިއޯ އަގުއެރޯ އެވެ. އޭގެ ދިހަ މިނެޓު ފަހުން ގުންޑޮގަން ނަގައިދިން ކޯނަރަކުން ސިޓީ އަށް ލީޑު ފުޅާކޮށްދިނީ މިޑްފީލްޑަރު ރޮޑްރީ އެވެ. ސިޓީގެ ގޯލުތަކަށްވުރެ ކުރިން ލީޑު ނަގަން އެސްޓަން ވިލާ އަށް ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެ ޓީމުގެ ކުޅުންތެރިއެއް ނަގައިދިން ހުރަހެއްގައި އަންވަރު އަލް ގާޒީ ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ބޭރަށްދިޔަ އިރު ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ޖެކް ގްރީލިޝް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ކީޕަރު ކްލައުޑިއޯ ބްރާވޯ އެވެ. އެސްޓަން ވިލާ އިން ފަރަގު ކުޑަކުރީ 41 ވަނަ މިނެޓުގައި އެމްބަވާނާ ސަމާޓާ ބޮލުން ޖެހި ގޯލުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ސިޓީ އިން އިތުރު ގޯލެއް ޖެހުމާއި ގާތަށްދިޔައެވެ. މިފަހަރު ރޮޑްރީ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު އޫޖާން ހާސްކޯލްޑް ނީލަންޑް ވަނީ މަތަކޮށްފައެވެ. މެޗު ނިމެން ގާތްވި ވަރަކަށް އެސްޓަން ވިލާ އިން ކުރިއަށް ޖެހި ސިޓީގެ ފަހަތަށް ބާރު ބޮޑުކުރަން ފެށިއިރު 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ވިލާގެ ކުޅުންތެރިއަކު ނެގި ކޯނަރެއްގައި ޑިފެންޑަރު ބޯން އެންގަލްސް ބޮލުން ޖެހި ބޯޅަ ސިޓީގެ ގޯލަށް ނުވަދެ ސަލާމަތްވީ ބްރާވޯގެ ހުށިޔާރުކަމުންނެވެ.

ރޭގެ ކާމިޔާބީއާއެކު ގާޑިއޯލާ މިވަނީ ސިޓީއަށް ޖެހިޖެހިގެން ތިން ސީޒަނުގައި ލީގު ކަޕް ކާމިޔާބުކޮށްދީ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނިފައެވެ. ގާޑިއޯލާ އަށް ވުރެ ގިނައިން މި ތަށި ކާމިޔާބުކޮށްފައިވާ ކޯޗުންނަކީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދި ސަރ އެލެކްސް ފާގަސަން އާއި ބްރިއަން ކްލައުހް އަދި ހޯސޭ މޮރީނިއޯ އެވެ.

ސިޓީ އަށް ދެން ކުރިއަށް އޮތީ އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި އަންނަ ބުދަ ދުވަހު ޝެފީލްޑް ވެނިޒްޑޭއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން އޮތް މެޗެވެ.