ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ކްރޮއޭޝިޔާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވިއްކާލުމުގެ މަސަތްކަތް އެ ކްލަބުން ފަށައިފިއެވެ.

ބާސާ އިން ރަކިޓިޗް ވިއްކާލުމުގެ މަސަތްކަތް ފަށާފައިވާއިރު އޭނާ ހޯދުމަށް ސްޕެއިންގެ ސެވިއްޔާ އިން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ރަކިޓިޗްގެ ސޮއި ހޯދުމަށް ސެވިއްޔާ އިން ހުރީ 15 މިލިއަން ޔޫރޯ ބާސާ އަށް ދޭން ތައްޔާރަށެވެ. އެހެންނަމަވެސް ބާސާ އިން މަސަތްކަތް ކުރަނީ އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ 20 މިލިއަން ޔޫރޯ އަށް ވުރެ ދަށް ނޫން އަގަކަށް ވިއްކާލުމަށެވެ. ސެވިއްޔާގެ އިތުރުން އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އިންޓަ މިލާނުން ވެސް އަންނަނީ ރަކިޓިޗް ހޯދުމުގެ މަސަތްކަތް ކުރަމުންނެވެ. އިޓަލީގެ ޔުވެންޓަސް އިން މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ރަކިޓިޗް އެ ކްލަބަށް ގެންދިއުމާއި ގާތަށް ޖެހިލި ނަމަވެސް ފަހު ވަގުތު އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ.

ސްޕެއިންގެ ނޫސްތަކުގައިވާ ގޮތުން ރަކިޓިޗް ބާސާ ދޫކޮށްލައިފިނަމަ، އޭނާ ބަދަލުވާން އެންމެ ކައިރީ ވެސް ސެވިއްޔާ އަށެވެ. ސެވިއްޔާ އަކީ އޭނާ ކުރިން ކުޅުނު ކްލަބު ކަމަށް ވުމާއެކު އެ ކްލަބުގެ ސަޕޯޓަރުންގެ މެދުގައި އޭނާ އަކީ މަގުބޫލު ކުޅުންތެރިއެކެވެ. ކުޑަ މުސާރައަކަށް ނަމަވެސް ރަކިޓިޗް ސެވިއްޔާ އަށް ބަދަލުވުން ކައިރި ކަމަށް ރިޕޯޓްތައް ބުނާއިރު އޭނާ ހޯދުމުގެ މަސަތްކަތް ކާމިޔާބު ކުރަން ބޭނުންނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ސެވިއްޔާ އަށް ލިބުން މުހިންމެވެ. އެ ޓީމު މިވަގުތު އޮތީ 47 ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ ތިންވަނައިގައެވެ.

ކްރޮއޭޝިޔާ އާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކުރި ރަކިޓިޗް ބާސާއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. ބާސާ އިން އޭނާ ކޭމްޕް ނައު އަށް ގެނައީ 18 މިލިއަން ޔޫރޯގެ ފީ އަކަށެވެ. ބާސާއާ ގުޅުމަށްފަހު ރަކިޓޗް ވަނީ މިދިޔަ ހަ އަހަރު ތެރޭ ސްޕެނިޝް ލީގް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގް 2015 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. ބާސާ އިން މިދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގެ ފަހަތުގައި ރަކިޓިޗްގެ ބޮޑު ހިއްސާއެއް އޮތް ނަމަވެސް ފަހަކަށް އައިސް ފޯމް ދަށްވެ ކްލަބުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދުމުގައި އޭނާ އަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. ރަކިޓިޗްގެ ބަދަލުގައި ޓީމުން މިހާރު ފުރުސަތު ލިބެނީ ފްރެންކީ ޑިޔޮންގް އާއި އަރްތުރް އާއި ސާޖިއޯ ބުސްކެޓްސްގެ އިތުރުން އަރްޓޫރޯ ވިޑާލް އަށެވެ.

މި ސީޒަނުގައި ރަކިޓިޗް ބާސާ ޖާޒީގައި ފަށާފައިވަނީ އެންމެ 15 މެޗެއްގައެވެ. މިއިން އެއްވެސް މެޗެއްގައި އޭނާ އަކަށް އަދި ގޯލެއް ޖެހިފައިނުވެއެވެ.