ކުރިއަށް އޮތް ދެ އަހަރު ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް މެންޗެސްޓާ ސިޓީ ސަސްޕެންޑްކޮށްފައިވީ ނަމަވެސް މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށް ޑިފެންޑަރު އައިމެރިކް ލަޕޯޓް ބުނެފިއެވެ.

ފްރާންސްގެ ޑިފެންޑަރު މިހެން ބުނީ އިންގްލަންޑުގެ ދަ ޓައިމްސް ނޫހަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ކުރިއަށް އޮތް ދެ އަހަރު ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް ސިޓީ ސަސްޕެންޑް ކުރަން ޔުއެފާ އިން ނިންމީ މިދިޔަ ފެބްރުއަރީ މަހުގައެވެ. ސަސްޕެންޑްކުރުމުގެ އިތުރުން ޔުއެފާ އިން ވަނީ 30 މިލިއަން ޔޫރޯ އިން އެ ޓީމު ޖޫރިމަނާ ވެސް ކޮށްފަ އެވެ. މިހާރު އޮތްގޮތުން ސިޓީގެ މި އަދަބު ތަންފީޒުކުރަން ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ.

ސިޓީގެ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމަށް ކުޅެމުން އަންނަ ގިނަ ތަރިން ކްލަބު ދޫކޮށްލާނެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޗެމްޕިއަންސް ލީގަކީ ކޮންމެ ކުޅުންތެރިއަކުވެސް އެންމެ ކުޅޭ ހިތްވާ ކްލަބު ފުޓްބޯޅަ މުބާރާތެވެ. ޔުއެފާގެ ނިންމުން ސިޓީން އިސްތިއުނާފު ނުކޮށްފިނަމަ އެ ކްލަބަށް ދެން އެންމެ އަވަހަށް ވެސް ޔޫރަޕްގެ މުބާރާތްކުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނީ 2023-24 ވަނަ ސީޒަނުގައެވެ.

ސިޓީ ދޫކޮށް ޗެމްޕިއަންސް ލީގުގައި ކުޅޭ އެހެން ބޮޑެތި ކްލަބުތަކަށް ބަދަލުވާން އުޅޭކަމަށް އަޑު އަރާފައިވާ ކުޅުންތެރިންގެ ލިސްޓުގައި ލަޕޯޓް ވެސް ހިމެނެއެވެ. ސްޕެއިންގެ ވަރުގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑުގެ އިތުރުން ފްރާންސްގެ ޕީއެސްޖީން ވެސް އަންނަނީ އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އަށް ފާރަލަމުންނެވެ. އެހެންނަމަވެސް ލަޕޯޓް ހުރީ ސިޓީ ދޫކޮށްލާ ވިސްނުމެއްގައެއް ނޫނެވެ. ދަ ޓައިމްސްއާ ވާހަކަ ދައްކަމުން ލަޕޯޓް ބުނީ ސަސްޕެންޝަނުގެ ސަބަބުން ޗެމްޕިއަންސް ލީގުގައި އަންނަ ސީޒަނުގައި ނުކުޅެވޭނަމަ ދެރަވާނެ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް ސިޓީގެ މެނޭޖްމަންޓުން މިހާރުވެސް ގަދަ އަށް މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

" އަހަރެމެން މި އަންނަނީ ޔުއެފާގެ ފައިނަލް ޖަވާބަށް އިންތިޒާރު ކުރަމުން. ހަގީގަތުގައިވެސް ވަރަށް ދެރަ ކަމެއް މިއީ ޗެމްޕިއަންސް ލީގުގައި އަހަރެމެންނަށް ނުކުޅެވޭނަމަ. ޔޫރަޕްގައި ނުކުޅެވުނެއްކަމަކު އަހަރެން ބޭނުމެއް ނޫން ސިޓީ ދޫކޮށްލަން. މި ކްލަބުގައި މިހިރީ ވަރަށް އުފަލުން. އަހަރެމެން މިދިޔަ ދެ އަހަރު ތެރޭ މުޅިއެކު 8 ތައްޓެއް ކާމިޔާބުކޮށްފިން. ވަރަށް ރީތި އަދި ކާމިޔާބު ފުޓްބޯޅައެއް ސިޓީން ކުޅެމުން މިދަނީ. އެހެންކަމުން ކްލަބު ދޫކޮށް ދާން އެދި އަހަރެން ވަކި މަޖުބޫރެއް ނުކުރާނަން މެނޭޖްމަންޓަށް، " ލަޕޯޓް ބުންޏެވެ.

ސިޓީ އަށް މި އައި އަދަބާ ގުޅިގެން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ މުސްތަގުބަލާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. ގާޑިއޯލާ ހޯދަން އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން މަސަތްކަތް ކުރަމުން އަންނަ ނަމަވެސް އޭނާ ވަނީ ސިޓީގައި މަޑުކުރަން ބޭނުންވާ ކަމަށް މީޑިއާގައި ތަކުރާރުކޮށް ބުނެފައެވެ.

ސިޓީގެ ސަސްޕެންޝަނުގެ މައްސަލަ އެ ޓީމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލް ކުރާނެ ކަމަށް ބެލެވެ އެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން ބުނީ، ޔުއެފާގެ މި އަދަބު އަންނާނެކަން ކުރިން ވެސް ބެލެވިފައިވާ ކަމަށާއި ކުރިން ވެސް ބުނިގޮތަށް އެ ޓީމުން އެއްވެސް އިރެއްގައި ގަވާއިދާ ހިލާފަށް ކަމެއްކޮށްފައި ނުވާނެ ކަމަށެވެ.