މި އަހަރުގެ ފަހުކޮޅު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް އޮލިމްޕިކް ގޭމްސް، އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފިއެވެ.

ދުނިޔޭގައި ގަދައަށް ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ސަބަބުން އޮލިމްޕިކް ގޭމްސް ފަސްކުރުމަށް އައިއޯސީ އިން ނިންމީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އައިއޯސީ އިން މިގޮތަށް ނިންމީ ޖަޕާނުގެ ސަރުކާރާއި ޓޯކިޔޯ 2020 އޮލިމްޕިކްސްގެ އޯގަނައިޒިން ކޮމިޓީން މި ކުޅިވަރު ހަރަކާތް ފަސްކުރުމާއި މެދު އެއްބަސްވުމަކަށް އައުމުންނެވެ. މި ނިންމުމާއެކު އޮލިމްޕިކްސްގެ ބޮޑު ހަރަކާތުގެ އިތުރުން ޕެރަލިމްޕިކް ގޭމްސް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ. އަންނަ އަހަރު ގޭމްސް ބޭއްވުމަށް އައިއޯސީ އިން އިއްޔެ ކަނޑައެޅި ތާރީހަކީ ޖުލައި 23 އިން އޮގަސްޓް 08 އަށެވެ. އަދި ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 24 އިން ސެޕްޓެމްބަރު މަހުގެ 05 އަށެވެ.

އޮލިމްޕިކްސް ބާއްވަން ކުރިން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެންމެ ފުރަތަމަ ވިދާޅުވުމުން، އެކަމާ ގުޅިގެން ގިނަ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. އެގޮތުން ވައިރަހުގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި އޮލިމްޕިކްސް ބާއްވާނަމަ، ހަރަކާތުގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާގެ އޮލިމްޕިކް ޓީމުން ނިންމި އެވެ. ގޭމްސް ފަސްކުރަން ގިނަ ގައުމުތަކުން ގޮވާލަމުން އަންނަނިކޮށް އެކަން ކާމިޔާބުވީ އައިއޯސީގެ ރައީސްއާ ޖަޕާން ބޮޑުވަޒީރާ އޯގަނައިޒިން ކޮމިޓީގެ ރައީސް ހިމެނޭ ގޮތަށް ކުރިއަށްދިޔަ ކުއްލި ބައްދަލު ވުމަކަށްފަހު އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ އޮލިމްޕިކްސް އަކީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތެވެ. ޓޯކިޔޯ އޮލިމްޕިކް ގޭމްސްގައި 33 ކުޅިވަރަކުން 11 ހާހަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާނެ ކަމަށް އައިއޯސީ އިން މައުލޫމާތުދެ އެވެ. މިއީ ޓޯކިޔޯގައި އޮލިމްޕިކްސް ގޭމްސް ބާއްވާ ދެ ވަނަ ފަހަރެވެ.

މިއަހަރުގެ ކުރީކޮޅު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް މިހާރު ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފެތުރިފައެވެ. އޮލިމްޕިކްސް ހޮސްޓް ކުރާ ޖަޕާނުން އެކަނިވެސް މިހާތަނަށް 1100 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު އެ ގައުމުން މި ބަލީގައި މިހާތަނަށް 54 މީހަކު ވަނީ މަރުވެފައެވެ.