2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހާސިލުކުރި ސްޕްރިންޓަރ ޓޯރީ ބޯވީ މަރުވެއްޖެއެވެ.

ޓޯރީ ނިޔާވިއިރު އޭނާގެ އުމުރުން 32 އަހަރުއެވެ.

ޓޯރީ މަރުވި އެނގިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ ޚަބަރެއް ނުވާތީ އެ ހިސާބުގަނޑުގެ ކައުންޓީގެ އޮފިޝަލެއް އޭނާގެ ގެއަށް ކުރި ޒިޔާރަތެއްގައެވެ. އޭނާ މަރުވެފައިވަނީ އާދައިގެ މަރެއްގައި ކަމަށް އެ ޑިޕާޓްމަންޓުން ނިންމާފައިވެއެވެ.

ޓޯރީ ވަނީ 2016 ވަނަ އަހަރުގައި ބްރެޒިލްގެ ރިއޯގައި ބޭއްވުނު އޮލިމްޕިކްސް މުބާރާތުގައި 400 މީޓަރ ރިލޭގައި ރަން މެޑަލްއާއި 100 މީޓަރ ރިލޭގައި ރިހި މެޑަލްގެ އިތުރުން 200 މީޓަރ ރޭހުގައި ބްރޯންޒް މެޑަލް އެމެރިކާއަށް ހޯދާދީފައެވެ.

ހަމައެއާއިއެކު، 2019 ވަނަ އަހަރުގައި ބޭއްވުނު ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ޓޯރީ ވަނީ ލޯންގް ޖަމްޕް ކުޅިވަރުން 4 ވަނަ ހޯދާފައެވެ. އޭނާ އެންމެ ފަހަކަށް މުބާރާތެއްގައި ބައިވެރިވެފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

"ދި އައުޓްލެޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮލިމްޕިކްސްގެ ދުނިޔެއަށް ތަޢާރްފަވުުމުގެ ކުރިން ޓޯރީގެ ޅަ އުމުރުގައި އޭނާ ވަނީ ބާސްކެޓް ބޯޅަ ކުޅެން ފަށައިފައެވެ. އެއަށްފަހު، ކޮލެޖްގައި ލިބުނު ކުޅިވަރާއި ބެހޭ ސްކޮލަރޝިޕްއެއްގައި ކިޔެވުމަށްފަހު ޓޯރީ ވަނީ އިންޑޯ އަދި އައުޓްޑޯ ލޯންގް ޖަމްޕްއިން ޤައުމީ މުބާރާތުގައި ވަނަ ހޯދައިފައެވެ.

ޓޯރީގެ މެނޭޖްމަންޓް އެޖެންސީ، އައިކަން މެނޭޖްމަންޓްއިން ބުނީ އޭނާގެ މަރަކީ އެ އެޖެންސީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އޭނާގެ އާއިލާއަށް ކެތްތެރިކަން ލިބުމަށް އެދި އާއިލާގެ 'ޕްރައިވެސީ'އަށް އެންމެންވެސް އިހްތިރާމްކުރުމަށް އެދިފައިވެއެވެ.

އައިއޯސީގެ ރައީސް ތޯމަސް ބެކްވެސް ވަނީ ޓޯރީގެ މަރަކީ ކުޅިވަރުގެ ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.