2024 ޕެރިސް އޮލިމްޕިކްސްގައި ރަޝިއާގެ އެތްލީޓުންނަށް އެއްވެސް ޖާގަ އެއް އޮވެގެން ނުވާނެ ކަމަށް، ޔްކްރޭނުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ، ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން އަށް ވިދާޅުވެއްޖެއެވެ.

"ޕެރިސް ގައި އޮންނަ އޮލިމްޕިކްސް ގޭމްސްގައި ރަޝިއާގެ އެތްލީޓުންނަށް އެއްވެސް ޖަާގައެއް އޮވެގެން ނުވާނެ ކަމަށް އަހަރެން ހާއްސަކޮށް ފާހަގަކޮށް، ބާރުއަޅާފައިވާނެ." މެކަރޯން އާއި އެކު ކުރެއްވި ފޯނު ކޯލަކަށް ފަހު، ޒެލެންސްކީ ޓެލެގްރާމްގައި ވިދާޅުވެފައި ވެއެވެ.

މިިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔުކްރޭނަށް އަރައި، ހަމަލާދޭން ފަށާފައިވަނީ، ޗައިނާގެ ބެއިންޖިންގްގައި އޮތް ފިނިމޫސުމުގެ އޮލިޕިކްސް ހަރަކާތް ނިންމުމުގެ ހަފްލާ ބޭއްވިތާ ތިން ދުވަސް ފަހުންނެވެ.

އެއަށްފަހު ބައިނަލް އަގުވާމީ އޮލިމްޕިކް ކޮމިޓީން ވަނީ ރަޝިއާ އާއި، އަދި އަވައްޓެރި ބެލަރޫސް އާއި މެދު ފިޔަވަޅުތަކެއް އަޅާފައެވެ. ރަޝިއާއިން ޔުކްރޭނަށް ފުރަތަމަ ހަމަލާ ދީފައިވަނީ ބެލަރޫސްގެ ސަރަހައްދު ބޭނުން ކޮށްގެންނެވެ.

މި ހަނގުރާމަ ފެށުނީއްސުރެ ރަޝިއާ އަދި ބެލަރޫސްގައި ކުޅިވަރުގެ ބައިނަލްއަގުވާމީ އެއްވެސް ހަރަކާތެއް ބާއްވާފައެއް ނުވެއެވެ. އަދި އޭރުން ފެށިގެން ބޮޑެތި މުބާރާތްތަކުން ވަނީ އެގައުމުތައް ރަމްޒު ކޮށްދޭ ގައުމީ ނިޝާންތައްވެސް ނަގާފައެވެ.

ބައިނަލް އަގުވާމީ އޮލިމްޕިކް ކޮމިޓީގެ ޗީފް ތޯމަސް ބެޗް މިދިޔަ އަހަރު ނިމެނިކޮށް ބުނެފައި ވަނީ އެގައުމުތަކާއި މެދުގައި އަޅާފައިވާ ކުޅިވަރުގެ ދަތިކުރުމުގެ ފިޔަވަޅުތައް 2023 ގެ ތެރެއަށްވެސް ދެމިގެންދާތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި ޕެރިސް އޮލިމްޕިކްސް އާއި، 2026 ގައި އިޓަލީގައި އޮންނަ ވިންޓަރ އޮލިމްޕިކްސްގައި، ޔުކްރޭނުގެ ވަރުގަދަ ޓީމެއް ވާދަކުރާތަން ދެކެން ބޭނުންވާ ކަމަށްވެސް ބެޗް ވަނީ ބުނެފައެވެ. ބެޗް އިތުރަށް ބުނެފައިވަނީ މުޅި އޮލިމްޕިކް ކޮމިޓީ އޮތީ ހަނގުރާމަ އާއި ދެކޮޅަށް ކަމަށެވެ.

ރަޝިއާގެ ހުރިހާ އެތްލީޓުން، ބައިނަލް އަގުވާމީ ހުރިހާ މުބާރާތްތަކުން އެކަހެރި ކުރުމަށްވެސް މިދިޔަ ޑިސެމްބަރު މަހު ޒެލެންސްކީ ވަނީ ގޮވާލައްވާފައެވެ.

އަދި ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިން އެ ގައުމުތަކުގެ ދިދަ ނުގެންގުޅޭހާ ހިނދަކު، އަދ އެގައުމުތަކުގެ ގައުމީ ކުލަތަކުގެ ހެދުން ބޭނުން ނުކުރާހާ ހިނދަކު، ޕެރިސް އޮލިމްޕިކްސްގައި ވާދަކުރެވޭނެ ކަމަށް، އެމެރިކާގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ކޮމިޓީން ފާޅު ކޮށްފައިވާ ހިޔާލާއި، ހަރުކަށި ބަހުން ދެކޮޅު ހައްދަވާ ކަމުގައި ޒެލެެންސްކީ ވަނީ ބެޗް އަށް ވިދާޅުވެފައެވެ.

ރަޝިއާ އިން ޔުކްރޭނަށް އެރިތާ އިއްޔެ އަށް ވަނީ 11 މަސް ހަމަވެފައެވެ. ހަނގުރާމަށް އަހަރު ފުރެން ދާއިރު، ދެ ފަރާތުން ބަދަލުކުރެވޭ ހަމަލާތައް އިތުރުވެފައިވާއިރު، ހަނގުރާމަ ނިމުމުގެ ކޮޅުމައްޗެއް އަދި ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސިންސިހޫ

    މީނަ މީ ކާކު؟ އޮލިމްޕަހުން މީހުން ބޭރުކުރަން ޔޫކްރޭން އަކީ ނައްތާލަން ޖެހޭ ގައުމެއް! އަދި އިޒުރޭލޭ ކިޔާ ބައިގަނޑުވެސް ޖެހޭ ނައްތާލަން........

  2. ޗަކޮއި

    ޒެލެންސްކީ، ކަލޭގެ ހުދުމުހުތާރުކަމާއި ކާޓޫނުކަން ހާދަބޮޑޭދޯ؟ މައްސަލާއަކީ މިޖޯކަރުލައްވާ އެމެރިކާ އައި ހުޅަނގުގެ ބައެއް ގައުމުތަކުން ނާޗަރަންގީ ކުޅެން ފުރުސަތުދޭތީ.

    11
  3. ކަދުރޭ

    ސައިޒު އޮޅިގެން އުޅޭ ޕަޕެޓް ޖޯކަރު. ރަޝިޔާ އާއި ދިމާ ކޮށްގެން ކަލޭ އައް ލިބޭނެ މޮޅެއް ކުރިމަގެއް ނެތް. ވަކި ހިސާބުން ހުޅަގުން ކަލޭ ދޫކޮއްލާނެ. ރަޝިޔާ ދެމި އޮންނާނެ.

  4. ރަން ރީނދޫ

    ހަނގުރާމަޔަކީ މީނާ ހިންގާ ޓުއަރިސްޓް ރެޒޯޓްގެ ކުޅިވަރު ހަރަކާތެއްތަ ،ދައުވަތު ފޮނުވަނީ.