2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހާސިލުކުރި ސްޕްރިންޓަރ ޓޯރީ ބޯވީ މަރުވީ ވިހެއުމުގެ ތެރޭގައި ދިމާވި ނުަރައްކަލަކާއި ގުޅިގެން ކަމަށް އޭނާގެ މަރާއި ގުޅިގެން ހެދި އޮޓޮޕްސީ ރިޕޯޓުން ހާމަވެއްޖެއެވެ.

ފްލޮރިޑާގެ އޮރލަންޑޯގައި ހުންނަ މެޑިކަލް އެގްޒެމިނަރުގެ އޮފީހުން ނެރުނު އޮޓޮޕްސީ ރިޕޯޓުގައި ބުނެފައި ވަނީ މެއި މަހުގެ ދެވަނަ ދުވަހު ބޯވީ މަރުވެފައި އޮއްވާ ފެނުނު އިރު ބަނޑަށް އަށް މަސް ވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށާއި ވިހެއުމުގެ ނިޝާންތައް އޭނާގެ ހަށިގަނޑުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ޓޯރީ މަރުވުމުގެ ކުރިން ނޭވާލާ ނިޒާމަށް ބޮޑެތި ގެއްލުންތައްވުމުގެ އިތުރަށް އެކްލެމްޕްސިއާގެ އަލާމާތްތައްވެސް އޮޓޮޕްސީއިން ދެނެގަނެވިފައިވެއެވެ. މިއީ މާބަނޑު މީހުންގެ ލޭ މައްޗަށް ދިއުމުގެ ސަބަބުން ފިޓް ޖެހުމަށް ނުވަތަ ކޯމާއަކަށް ދިއުމަށް މެދުވެރިވާ ޙާލަތެކެވެ.
އޮޓޮޕްސީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޓޯރީގެ މަރަކީ ގުދުރަތީ މަރެކެވެ. ރިޕޯޓް އާންމުކުރުމާއިއެކު، ޓޯރީގެ މަރާއި ބެހޭގޮތުން ދެކެވޭ އަޑުއަހަން އުނދަގޫ އެކި އެކި ވާހަކަތައް ހުއްޓުމަކަށް ގެނެވޭނެކަމަށް އޭނާ ތަމްސީލުކުރި އެޖެންސީން ބުނެފައިވެއެވެ.

ޓޯރީ މަރުވިއިރު އޭނާގެ އުމުރުން 32 އަހަރުއެވެ.

ޓޯރީ މަރުވިކަން އެނގިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ ޚަބަރެއް ނުވާތީ އެ ހިސާބުގަނޑުގެ ކައުންޓީގެ އޮފިޝަލެއް އޭނާގެ ގެއަށް ކުރި ޒިޔާރަތެއްގައެވެ. އޭނާ މަރުވެފައިވަނީ އާދައިގެ މަރެއްގައި ކަމަށް އެ ޑިޕާޓްމަންޓުން ނިންމާފައިވެއެވެ.

ޓޯރީ ވަނީ 2016 ވަނަ އަހަރުގައި ބްރެޒިލްގެ ރިއޯގައި ބޭއްވުނު އޮލިމްޕިކްސް މުބާރާތުގައި 400 މީޓަރ ރިލޭގައި ރަން މެޑަލްއާއި 100 މީޓަރ ރިލޭގައި ރިހި މެޑަލްގެ އިތުރުން 200 މީޓަރ ރޭހުގައި ބްރޯންޒް މެޑަލް އެމެރިކާއަށް ހޯދާދީފައެވެ.

ހަމައެއާއިއެކު، 2019 ވަނަ އަހަރުގައި ބޭއްވުނު ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ޓޯރީ ވަނީ ލޯންގް ޖަމްޕް ކުޅިވަރުން 4 ވަނަ ހޯދާފައެވެ. އޭނާ އެންމެ ފަހަކަށް މުބާރާތެއްގައި ބައިވެރިވެފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

"ދި އައުޓްލެޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮލިމްޕިކްސްގެ ދުނިޔެއަށް ތަޢާރްފަވުުމުގެ ކުރިން ޓޯރީގެ ޅަ އުމުރުގައި އޭނާ ވަނީ ބާސްކެޓް ބޯޅަ ކުޅެން ފަށައިފައެވެ. އެއަށްފަހު، ކޮލެޖްގައި ލިބުނު ކުޅިވަރާއި ބެހޭ ސްކޮލަރޝިޕްއެއްގައި ކިޔެވުމަށްފަހު ޓޯރީ ވަނީ އިންޑޯ އަދި އައުޓްޑޯ ލޯންގް ޖަމްޕްއިން ޤައުމީ މުބާރާތުގައި ވަނަ ހޯދައިފައެވެ.