އިނގިރޭސި ފުޓުބޯޅަ ކްލަބު، އާސެނަލް ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީތަކެއް ލިބެމުންދާކަމަށް ކްލަބުން ބުނެފިއެވެ.

ކޮވިޑް 19އާއި ގުޅިގެން ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ކްލަބުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދެއެވެ. ސީޒަން ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން ކްލަބުތަކުގެ މާލީ ހާލަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާއިރު، އެ ހަރަދުތައް ފޫބެއްދުމަށް ކްލަބުތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

އާސެނަލްއިން ބުނެފައި ވަނީ ކޯޗު މިކޭލް އާޓެޓާ މެޗުވެރިކޮށް ކުޅުންތެރިންނާއެކު މަޝްވަރާކުރެވިފައިވާ ކަމަށާއި، ކްލަބުގެ މުސާރަތައް ކުޑަކުރުމަށް އެއްބަސްވުމަކަށް ދިޔުމަށް ގާތްވެފައިވާ ކަމަށެވެ. ކޮވިޑް 19 ބާރު ސްޕީޑުގައި އިނގިރޭސިވިލާތުގައި ފެތުރެމުންދާއިރު، އާސެނަލް ކޯޗު އާޓެޓާއަށްވެސް ވަނީ ކޮވިޑް ޖެހިގެން ފަރުވާކޮށްފައެވެ. މިހާރު އޭނާ ވަނީ ބަލިން ރަނގަޅުވެފައެވެ.

"ގޯލް.ކޮމް" އިން ބުނެފައި ވަނީ އާސެނަލްއިން ކުރިން ހުށަހެޅި މުސާރައިގެ ޕްރޮޕޯސަލަށް ކުޅުންތެރިން ދެކޮޅު ހަދާފައިވާ ކަމަށެވެ. އޭރު އާސެނަލްއިން ހުށަހެޅީ 12 މަސް ދުވަހަށް 12.5 ޕަސެންޓަށް މުސާރަ ކުޑަކުރުމަށެވެ. އެ އަދަދަށް އިންކާރު ކުރުމުން އާސެނަލްއިން ވަނީ އެކަމާ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ނޫސްތަކުން ބުނެފައި ވަނީ އާސެނަލްއިން ފަހުން ހުށަހަޅާފައިވަނީ 12.5 ޕަސެންޓް މުސާރައިން އުނިކުރުމަށް ކަމަށެވެ. މިފަހަރު އެ އަދަދަށް ކުޑަކުރަން އެއްބަސްކުރުވުމަށް އާސެނަލްއިން ބައެއް ސީނިއާ ކުޅުންތެރިންގެ އެހީތެރިކަންވެސް މެނޭޖްމަންޓުން ހޯދަމުންދާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.