ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި ޚިލާފުވެފައިވާތީ އާސެނަލްގެ ހަތަރު ކުޅުންތެރިއަކަށް އިންޒާރު ދީފިއެވެ.

ކޮވިޑް-19 ރޯގާގެ ސަބަބުން އިނގިރޭސިވިލާތް ފުރަބަންދު ކޮށްފައިވާއިރު ބަލިން ރައްކާތެރިވުމުގެ ގޮތުން އެގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިޖްތިމާއީ ގައިދުރު ކުރުން (ސޯޝަލް ޑިސްޓެންސިންސް) ނުވަތަ ގައިގޯޅިވެ އުޅުމަކީ މަނާކަމެކެވެ.

އިޖްތިމާއީ ގައިދުރު ކުރުމުގެއުސޫލުތަކާއި ހިލާފުވި އާސެނަލްގެ ހަތަރު ކުޅުންތެރިންނަކީ އައިވޮރީ ކޮސްޓުގެ ފޯވަޑް ނިކޮލަސް ޕެޕޭ، ފްރާންސްގެ ފޯވަޑް އަލެގްޒަންޑާ ލަކަޒަޓް، ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އަދި ސްވިޓްޒަލެންޑުގެ މިޑްފީލްޑަރު ގްރަނިޓް ޒަކާ އެވެ. މީގެ ތެރެއިން ލަކަޒަޓް އަކީ އާސެނަލްގެ ހަތަރު ކެޕްޓަނުންގެ ތެރޭ ހިމެނޭ އެކެކެވެ.

ރިޕޯޓްތައް ބުނާގޮތުން އުސޫލުތަކާއި ހިލާފަށް ލަކަޒަޓް އޭނާގެ އައުޑީ ކާރު ސާފު ކުރަން ގެނައި މީހެއް ގާތުގައި ހުންނަ ފޮޓޯތަކެއް ވަނީ ލީކުވެފައެވެ. ޕެޕޭ ފެނުނީ އޭނާގެ ރައްޓެހިންނާއެކު އުތުރު ލަންޑަންގައި ފުޓްބޯޅަ ކުޅެން ހުއްޓައެވެ. އަނެއްކޮޅުން ލުއިޒް އާއި ޒަކާ ސައުތުގޭޓުގައި ހުންނަ ސްޓޭޝަނެއް ކައިރިީ އެކީ އުޅޭ މަންޒަރު ފެންނަ ފޮޓޯ ތަކެއް އިންޓަނެޓުގައި ވަނީ ދައުރުވެފައެވެ. އުސޫލުތަކާ ހިލާފުވި ކުޅުންތެރިންނަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އާސެނަލުން ވަނީ އެ ކުޅުންތެރިންނަށް އިންޒާރުދީ ކުރިއަށްއޮތް ތަނުގައި މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެގެން ކުޅުންތެރިންނަށް އިންޒާރު ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އުސޫލުތަކާ ހިލާފުވި ކުޅުންތެރިންގެ ތެރޭގައި ޓޮޓެންހަމްގެ މިޑްފީލްޑަރު ޓެންގީ އެންޑޮމްބެލޭ އާއި ޑިފެންޑަރު ޑިވެންޝަން ސަންޗޭޒްގެ އިތުރުން ޑިފެންޑަރު ރަޔަން ސެސެންގްނޮން ހިމެނެއެވެ. އަދި ގަވާއިދުތަކާ ޚިލާފަށް ޕާޓީއެއް ބޭއްވިކަމަށްޓަކައި މެންޗެސްޓާ ސިޓީން އެ ކްލަބުގެ ޑިފެންޑަރު ކައިލް ވޯކާ އަށް ފިޔަވަޅު އަޅާފައިވާއިރު، ހޯމް-އައިސޮލޭޝަންގެ ގަވައިދާ ޚިލާފުވުމުން ޗެލްސީ އިން ވަނީ އެޓީމުގެ މިޑްފީލްޑަރު މޭސަން މައުންޓަށް ނަސޭހަތްތެރި ވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، އިނގިރޭސި ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ޔޫރަޕްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރު ވަމުން އަންނާތީ އިނގިރޭސި އެފްއޭ އިން މިހާރު ނިންމާފައިގޮތުން ލީގާއި އެހެނިހެން މުބާރާތްތައް އަލުން ފަށާނީ ވައިރަސް ފެތުރުން ހަމައަކަށް އެޅި ހާލަތު މުޅިން ރަނގަޅުވީމައެވެ.