މިއަހަރު ޖުލައި މަހު އައްޑޫ ސިޓީގައި ބާއްވަން ތާވަލް ކޮށްފައި އޮތް "ވަގުތު" ފުޓްސަލް ޗެލެންޖް ފަސްކުރަން ނިންމައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ފަސްކުރަން ނިންމީ ކޮވިޑް-19 ފެތުރެމުން ދާތީއެވެ.

މުބާރާތް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރާ އޮފިޝަލަކު ވިދާޅުވީ ކޮވިޑް-19 ހާލަތު މިއަހަރު ރަނގަޅުވެއްޖެނަމަ މިއަހަރު މުބާރާތް ކުރިއަށް ގެންދާނެ ކަމަށެވެ. "ހާލަތައް ރަނގަޅު ބަދަލެއް އަތުވެއްޖެނަމަ މިއަހަރު މުބާރާތް ބާއްވާނަން. މުބާރާތައް ތައްޔާރު ވުމަށް އެކަށީގެންވާ މުއްދަތެއް އޮއްވާ އެކަން މުބާރާތް ބާއްވާނެ ތާރީޚް އިއުލާން ކުރާނަން. މިއަހަރު ހާލަތު ރަނގަޅު ނުވެއްޖެނަމަ އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ޖުލައި މަހު މުބާރާތް ބާއްވާނަން." އޮފިޝަލް ވިދާޅުވިއެވެ.

ވަގުތު އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

މި އަހަރުގެ މުބާރާތުގައި ދެވޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފަ އެވެ. މިިދިޔަ އަހަރުގެ މުބާރާތުގެ ޖުމްލަ އަގަކީ 150،000 ރުފިޔާ އެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާއެކު މި އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދާ ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 75،000 ރުފިޔާގެ ފައިސާގެ ނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ވަނީ 150،000 އަށް ބޮޑު ކޮށްފައެވެ. ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.