ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށާއިރު، ކުޅުންތެރިންގެ ޖާޒީގައި ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅުކަން އަންގައިދޭ ބެޖެއް ހަރުކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޫސްތައް ބުނާގޮތުން އަންނަ ހަފްތާގައި ޕްރިމިއާ ލީގުގެ ކުޅުން ފެށިގެންދާއިރު، ލީގުގެ ފުރަތަމަ 12 މެޗުގައި ވެސް ކުޅުންތެރި ބޭނުންކުރާނި މި ޖާޒީތަކެވެ. އަދި މެޗުތައް ކުޅެން ފެށުމުގެ ކުރިން ކުޅުންތެރިން ވަނީ އެމެރިކާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މަރާލި ކަޅުނަސްލުގެ މީހެއް ކަމަށްވާ، ޖޯޖް ފްލޮއިޑްއަށް އިހްތިރާމް އަދާކުރުމަށް ވެސް ނިންމާފައެވެ.

ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ޕްރިމިއާ ލީގުގެ ކުޅުންތެރިން ތެދުވުމަށް ނިންމާފައި މިވަނީ، ފްލޮއިޑް މަރާލި މައްސަލަ އެމެރިކާގައި ހޫނުވެ ބޮޑެތި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މުޒާހަރާތަކާއި ގުޅިގެން، މުޒާހަރާގެ ބައިވެރިންނާއި އެކު ތިބިކަން މީގެ ކުރިންވެސް ޕްރިމިއާ ލީގުގެ ބައެއް ކުޅުންތެރިން ވަނީ މީސްމީޑިއާ މެދުވެރިކޮށް ހާމަކޮށްފައެވެ.

ބައެއް ކުޅުންތެރިން މީގެ ކުރިން މީސްމީޑިއާގައި މިކަމާއި ގުޅިގެން ކޮށްފައިވާ ޕޯސްޓުތަކުގައި ބުނެފައި ވަނީ، މުޒާހަރާގެ ބައިވެރިންނާއެކު އެފަރާތްތަކުންވެސް ތެދުވެތިބީ އެއް ލަނޑުދަނޑިއެއް ހާސިލް ކުރުމަށް ކަމަށެވެ. އަދި ކޮންމެ ނަސްލެއްގެ މީހެއް ކަމަށްވިޔަސް އިޚްތިރާމް ލިބެން ވާނެ ކަމަށާއި، ފްލޮއިޑަށް އިންސާފު ލިބެން ޖެހޭނެ ކަމަށް އެ ކުޅުންތެރިން ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ލީގުގެ ކުޅުން މެދުކަނޑާލީ މާޗް 13 ވަނަ ދުވަހު އެވެ. އަލުން ލީގު ފަށާއިރު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖައްސާފައިވަނީ އެސްޓޮން ވިލާ އިން އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗެވެ.

މިފަހަރު އަލުން ކުޅުން ފަށާނީ ހަރުކަށި އުސޫލުތަކެއް ހަދައި ސަޕޯޓަރުން ވެސް ނުވައްދަ އެވެ. ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމުގެ ކުރިން މިހާރު އަންނަނީ ހުރިހާ ޓީމެއް ވެސް ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. މިހާތަނަށް ތިން ބުރެއްގެ މަތިން ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވައިރަހަށް ޓެސްޓު ކޮށްފައެވެ. އެގޮތުން 2700 އަށް ވުރެ ގިނަ ޓެސްޓުތައް ކޮށްފައިވާއިރު އޭގެ ތެރެއިން 12 މީހަކު ބައްޔަށް ފައްސިވެފައި ވެއެވެ.

އިނގިރޭސި ލީގުގެ ކުޅުން ހުއްޓާލިއިރު އެއް ވަނައިގައި 25 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލިވަޕޫލް އެވެ. ޗެމްޕިއަންކަން ކަށަވަރުކުރަން އެޓީމަށް ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ. ލިވަޕޫލްގެ ފަހަތުން ދެ ވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު ތިން ވަނައިގައި އޮތީ ލެސްޓަ ސިޓީ އެވެ. ހަތަރު ވަނައިގައި ޗެލްސީ އޮތްއިރު ފަސް ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.