ސްޕެނިޝް ލީގުގައި މަޔޯކާ ބަލިކޮށް ބާސެލޯނާ އިން ލީގް ތާވަލުގެ އެންމެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ ރަށުން ބޭރުގައި ކުޅެ ތާވަލުގެ 17 ވަނައިގައި އޮތް ޓީމް އަތުން ބާސާ މޮޅުވީ 4-0 އިންނެވެ. މި މޮޅާއެކު ބާސާ އަށް ވަނީ 28 މެޗުން 61 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތީ ބާސާ އަށްވުރެ އެއް މެޗް މަދުން ކުޅެގެން 56 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ލީގުގައި މިރޭ ކުޅޭ މެޗް ކާމިޔާބު ކޮށްގެން ފަރަގު އަނެއްކާވެސް ދެ ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު ރެއާލަށް އޮންނާނެއެވެ.

ރޭގެ މެޗާ ބާސާ އިން ކުރިމަތިލީ ކެޕްޓަން ލިއޮނެލް މެސީ ވެސް ހިމަނައިގެންނެވެ. މެސީގެ ފަރާތުން މެޗްގައި މޮޅު ކުޅުމެެއް ފެނިގެންދިޔައިރު ބާސާ އިން ޖެހި ހަތަރު ގޯލްގެ ތެރެއިން ތިން ގޯލަކީ މެސީގެ ހިއްސާއާއެކު ޖެހި ގޯލްތަކެވެ. މެޗްގެ ފުރަތަމަ ގޯލް ފުރަތަމަ މިނެޓުގައި ޖަހައި ބާސާ އަށް ލީޑް ނަގައިދިނީ ޗިލީގެ މިޑްފީލްޑަރު އަރްޓޫރޯ ވިޑާލްއެވެ. ޖޯޑީ އަލްބާ ތަނަވަސްކުރި ފުރުސަތެއްގައި ވިޑާލް ބޮލުން ޖެހި މި ގޯލަކީ މި ސީޒަންގައި އޭނާ ޖެހި 7 ވަނަ ލީގް ގޯލެވެ.

ބާސާގެ ދެވަނަ ގޯލް ފެނިގެންދިޔައީ ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށެވެ. މެޗްގެ 37 ވަނަ މިނެޓްގައި މެސީގެ އެހީތެރިކަމާއެކު މި ގޯލް ޖަހައިދިނީ ދާދި ފަހުން ޓީމާ ގުޅުނު ޑެންމާކުގެ ފޯވަޑް މާޓިން ބްރަތްވެއިޓްއެވެ. މިއީ ބްރަތްވެއިޓް ބާސާ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

ބާސާގެ ކޯޗް ކީކޭ ސެޓިއެން ވަނީ ދެވަނަ ހާފްގައި ފްރާންސްގެ އެންޓޮއިން ގްރީޒްމަންގެ ބަދަލުގައި އަނިޔާ އަށް ފަހު އެނބުރި ޓީމާ ގުޅުނު ޓީމްގެ އެއްވަނަ ފޯވަޑް ލުއިސް ސުއަރޭޒް ކުޅެން އަރުވައިފައެވެ. މިއީ ޖެނުއަރީ މަހަށްފަހު ސުއަރޭޒް ދަނޑުމަތިން ފެނުނު ފުރަތަމަ ފަހަރެވެ. ސުއަރޭޒްގެ ކަނާތުފައިގެ ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ހަތަރު މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުން މި ސީޒަނުގައި އަލުން އޭނާ އަށް ކުޅެވިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ސީޒަން މެދުކަނޑާލުމާ ގުޅިގެން ސުއަރޭޒް އަށް އަނިޔާ އިން ރަނގަޅު ވާން ވަގުތު ލިބުނީއެވެ.

ރޭގެ މެޗްގައި ބާސާ އިން ޖެހި ތިންވަނަ ގޯލް 79 ވަނަ މިނެޓްގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ އަލްބާއެވެ. އަދި ހަތަރުވަނަ ގޯލް ސުއަރޭޒް ދިން ބޯޅަ އަކުން ކާމިޔާބުކުރީ މެސީއެވެ. މިއީ މި ސީޒަންގައި މެސީ ޖެހި 20 ވަނަ ލީގް ގޯލެވެ. އެއާއެކު އޭނާ ވެފައިވަނީ ލަލީގާގައި ޖެހިޖެހިގެން 12 ސީޒަންގައި މަދުވެގެން 20 ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.