ރޭ ސްޕެއިނިޝް ލަަލީގާ ގައި ރިއަލް މެޑްރިޑް އާއި ގްރެނެޑާ ބައްދަލު ކުރި މެޗު ރިއަލް އިން ކާމިޔާބުކޮށް ލީގު ހޯދުމާއި އެއް ފިޔަވަޅު ކުރިޔަށް ޖެހިލައިފިއެވެ.

ގްރެނެޑާގެ ދަނޑުގައި ކުޅުނު މި މެޗު ރިއަލް އިން ކާމުޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުން ރިއަލް މޮޅުވުމާއި އެކު މިހާރު ތާވަލްގެ އެއްވަނާގައި އޮތީ 83 ޕޮއިންޓާއި އެކު ވާދަވެރި ބާސާ އަށްވުރެ 4 ޕޮއިންޓު ކުރީގައެވެ. ސްޕެއިނިޝް ލީގު ކާމިޔާބު ކުރަން ރިއަލް އިން ދެން ބޭނުން ވަނީ އެންމެ 2 ޕޮއިންޓެވެ.

އަންނަ ބުރާސްފަތި ދުވަހު ވިލަރެއްލާ އާއި ބައްދަލު ކުރާމެޗުން މޮޅުވެގެން ރިއަލްއަށް ލީގު ކާމިޔާބު ކުރެވެން އޮތް އިރު ވާދަވެރި ބާސާ ދެން ކުޅޭ މެޗަކުން ބަލިވިޔަސް ރިއަލް އަށް ލީގު ލިބޭނެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ރިއަލް އިން ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި މެންޑީ ވަނީ ކާމިޔާބު ކޮށްފައެވެ. އޭގެ މާ ގިނައިރު ތަކެއް ނުވެ 16 ވަނަ މިނެޓް ގައި ބެންޒީމާ ވަނީ ރިއަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށް ފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނާތިޖާ އަކުން ރިއަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްފައި ގްރެނެޑާ ވަނީ ކުޅުން ރަނގަޅުކޮށް ރިއަލްއަށް ޕްރެޝާ ބޮޑުކޮށްފައެވެ. މެޗުގެ 50 ވަނަ މިނަޓްގައި ގްރެނެޑާގެ ޑާވިން މާކިސް ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ކުޑަކޮށް ފައެވެ. މި މެޗުން ގްރެނެޑާ ބަލިވިއިރު އެ ޓީމު މިހާރު ތާވަލްގެ 10 ވަނާގައި އޮތީ 50 ޕޮއިންޓާއި އެކުގައެވެ.