ކުރީގެ ނެދަލޭންޑްސްގެ ފޯވާޑު އާޔެން ރޮބެން އިތުރު އެއް އަހަރަށް އޭނާ މިހާރުގެ ކުޅެމުންދާ ޖަރުމަނުގެ ޗެމްޕިއަންސް ބަޔާން މިއުނިކް އާއި އެކު ހަދާފައިވާ އެއްބަސްވުން ދިގު ކޮށްފިއެވެ.

ރިއަލް މެޑްރިޑުން 2009 ވަނަ އަހަރު ބަޔާން މިއުނިކައް ބަދަލުވި ރޮބެން ވަނީ މިހާތަނަށް 7 ފަހަރު ބުންޑެސްލީގާ ނެގުމުގައި މުހިންމު ރޯލެއް އަދާ ކޮށްފައެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު ބަޔާން އިން ޗެމްޕިއަންސް ލީގު ނެގި އިރު ރޮބެންގެ ދައުރު ވަރަށް ބޮޑެވެ.

ރޮބެންގެ އިތުރުން ބަޔާން މިއުނިކުގެ ފަހަތައް ކުޅެމުން އަންނަ ރަފީނިއާގެ އެއްބަސްވުން ވެސް ވަނީ އިތުރު އެއް އަހަރަށް ދިގު ކޮށްފައެވެ.

" އަހަރެމެން ވަރަށް އުފާވޭ މިދެ ކުޅުންތެރިންގެ އެއްބަސްވުން އިތުރު އެއް އަހަރަށް ދިގު ކުރީތީ. ރަފީނިއާ އަދި ރޮބެން ވެސް ވަރަށް މުހިއްމު ރޯލެއް ކުޅޭނެ ކުރިޔަށް އޮތް ސީޒަނުގައި" ބަޔާންގެ ސްޕޯޓްސް ޑިރެކްޓަރު ހަސަން ސަލިހަމިޒިކް ބުންޏެވެ.

ރޮބެން އަދި ރަފީނިއާގެ އިތުރުން 35 އަހަރުގެ ފްރާންސްގެ ގައުމީ ޓީމުގެ ފޯވާޑް ފްރެކް ރިބަރީ ވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ބަޔާން މިއުނިކާއި އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރުގެ މުއްދަތަކަށް އިތުރު ކޮށްފައެވެ.

މިއަހަރުގެ ޖޫން މަހު ފެށޭ ވޯލްޑް ކަޕަށް ނެދަލޭންޑްސް ކޮލިފައި ނުވުމުގެ ސަބަބުން ރޮބެން އަކަށް މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅެވޭ ގޮތެއް ނުވިއެވެ.