"ވަގުތު" އިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ކުރިޔަށްގެންދާ "ވަގުތު ފުޓްސަލް ޗެލެންޖް" ގެ މިއަހަރުގެ މުބާރާތުގައި ޓީމްތަކަށް ހިލޭ ބައިވެރިވެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މީގެ ކުރިން މި މުބާރާތުގައި ބައިވެރިވާން 5000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު، މިއަހަރުގެ މުބާރާތުގައި ބައިވެރިވާން ޓީމްތަކުން މި ފީ ދައްކަން ނުޖެހޭ ގޮތަށް ނިންމީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިވެފައި ވާތީއެވެ.

"ވަގުތު ފުޓްސަލް ޗެލެންޖް 2020" ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރި ނުރައްކާ ބޮޑުވެފައިވުމާއި ގުޅިގެން މުބާރާތް ވަނީ ފަސްކޮށްފައެވެ. މިހާރު މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

"ވަގުތު ފުޓްސަލް ޗެލެންޖް" ފަށާނީ ޑިސެމްބަރު މަހުގައި ކަމަށް ވީނަމަވެސް، އަދި ސީދާ ތާރީޚެއް ކަނޑަނާޅައެވެ. އެހެންކަމުން މުބާރާތް ފަށާ ތާރީޚު ފަހުން އިއުލާނުކުރާނެއެވެ.

"ވަގުތު ފުޓްސަލް ޗެލެންޖް" ގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ މިއަހަރުގެ މުބާރާތުގައި ފުރުސަތު ދޭނީ 20 ޓީމަށް ކަމަށެވެ. މީގެ ކުރިން ނިންމާފައި އޮތީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 24 ޓީމަކަށް ދިނުމަށެވެ. އެހެންކަމުން މިއަހަރުގެ މުބާރާތުން ފުރުސަތު ލިބޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ފުރަތަމަ ބައިވެރިވާން އެދޭ 20 ޓީމަށެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000 ރ. އަދި ރަނަރަޕް ޓީމަށް 75،000 ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދޭން ހަމަޖެހިފައި ވެއެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.

"ވަގުތު ފުޓްސަލް ޗެލެންޖް 2020" ގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

"ވަގުތު ފުޓްސަލް ޗެލެންޖް" އަކީ 2017 ވަނަ އަހަރުން ފެށިގެން އައްޑޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި މި މުބާރާތް ވަނީ އައްޑޫގައި ބާއްވާ އެންމެ ކުލަގަދަ އަދި އެންމެ މަޤުބޫލު ފުޓްސަލް މުބާރާތަށް ވެގެން ގޮސްފައެވެ.