އިންޓަނޭޝަނަލް ބްރޭކަށްފަހު އަންނަ ހަފްތާގައި ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ މެންޗަސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އަނިޔާގެ ގިނަ މައްސަލަތަކެއްގެ އިތުރުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެޓީމުގެ ކޯޗް ތޯމަސް ޓުޗެލް ބުނެފިއެވެ.

2018 ވަނަ އަހަރުން ފެށިގެން ޕީއެސްޖީގެ ކޯޗުކަމުގެ މަގާމާ ހަވާލުވެ ހުރި ޖަރުމަނުގެ ޓުޗެލް ބުނީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ތަކަކަށް އަނިޔާވެފައިވާ ކަމަށާއި ކިތަންމެ ދެރަވިޔަސް ބަރާބަރު 11 ކުޅުންތެރިންނާއެކުވެސް މެޗަށް ނުކުންނަން ޖެހިދާނެކަމަށެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ މެންޗަސްޓަރ ޔުނައިޓެޑްގެ އިތުރުން އާރް.ބީ ލިޕްޒިގް އާއި އަދި އިސްތަންބުލް ބަސަކްސެހިރެވެ. އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕް ޕީއެސްޖީ ފައިނަލުގައި ބަލިވީ ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން ޓުޗެލް ބުނީ އިންޓަނޭޝަނަލް ބްރޭކުގައި ނޭމާ އަދި އެމްބާޕޭގެ ފަރާތުން ވަރަށް ފިޒިކަލް، ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި އެހެންކަމުން އެ ކުޅުންތެރިންނަށް ރެސްޓުކުރަންވެސް ވަގުތު ބޭނުންވެދާނެ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް 100 އިންސައްތަ ނުދެއްކިދާނެ ކަމަށެވެ.

މީގެއިތުރުން މާކީނިއޯސް، ހޫލިއަން ޑްރެކްސްލާ، ކޮލިން ޑަގްބާ ލައްވާ ކުޅުވުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ. އަދި ތިލޯ ކެރާ، ހުއާން ބާނާޓް އަދި މައުރޯ އިކާޑީއަށް އަނިޔާގެ މައްސަލަތަކެއްގެ ސަބަބުން މެޗުގައި ނުކުޅެވޭނެ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

މިހަފްތާގެ ކުރީކޮޅު ކޮވިޑް-19ށް ފައްސިވި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކޮންޓެކްޓްވެފައި ހުރުމުން ޑެނީލޯ ޕެރެއިރާގެ އިތުރުން މާކޯ ވެރާޓީ އަށްވެސް މިމެޗުގައި ކުޅުމުގެ ފުރުސަތު ކުޑަކަމަށް ޓުޗެލްވަނީ ބުނެފައެވެ. މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގައި ކުޅޭނެ ފުރަތަމަ 11 ކުޅުންތެރިން ހަމަކުރުން ކަމަށް ޕީއެސްޖީއާއެކު އެތަކެއް ކާމިޔާބީއެއް ހޯދާފައިވާ ކޯޗް ވަނީ ބުނެފައެވެ.

މި ސީޒަން ފެށި ފަހުން ގިނަ ޓީމުތަކަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއްގެ އިތުރުން ފިޓްނަސް މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ޓީމުތަކުގެ އެންމެ މުހިންމު ކުޅުންތެރިން ކޮވިޑަށް ފައްސިވެ މެޗުތަކުގައި ބައިވެރި ނުވެވުމަކީ ގިނަ ޓީމުތަކަށާއި ޓީމްތަކުގެ ކޯޗުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ.